އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ޕެރޫގެ ޒުވާން ޑިފެންޑަރެއްގެ ސޮއި ހޯދައިފިއެވެ.

ސިޓީން ހޯދީ ޕެރޫގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަލިއަންޒާ ލީމާ އަށް މިހާރު ކުޅެމުން އަންނަ ލުއިވާތު އަގުއިލާގެ ސޮޔެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީން އަގުއިލާގެ ސޮއި ހޯދީ 1.5 މިލިއަން ޕައުންޑް ދެއްކުމަށްފަހުއެވެ. އުމުރުން 16 އަހަރުގެ ޑިފެންޑަރު ސިޓީއާ ގުޅުނު ނަމަވެސް 18 އަހަރު ވަންދެން އޭނާ މިހާރު ވެސް ކުޅެމުން އަންނަ ޕެރޫގެ ކްލަބުގައި މަޑުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ވޯކް ޕާމިޓެއް ނުލިބޭނެއެވެ. އަދި ސިޓީން ނިންމާފައިވަނީ ކުޅުންތެރިޔާއަށް އިތުރު ތަޖުރިބާ ދިނުމުގެ ގޮތުން ލޯނު އުސޫލުން 18 އަހަރުން ވަންދެން މިހާރު ކުޅޭ ކްލަބުގައި ބެހެއްޓުމަށެވެ.

މީއާތަކާ ވާހަކަ ދައްކަމުން އަގުއިލާ ބުނީ ސިޓީ ކަހަލަ ޔޫރަޕްގެ ނަން މަޝްހޫރު ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި ސިޓީ ޖާޒީގައި މެޗެއް ކުޅޭ ދުވަހަކީ އޭނާގެ ހަޔާތުގައިވެސް އަންނާނެ އެންމެ އުފާވެރި ދުވަަސް ކަމަށެވެ.

އަގުއިލާއަކީ ޕެރޫގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ޑިފެންޑަރެކެވެ. ޒުވާން ގައުމީ ޖާޒީގައި މިހާތަނަށް ނުވަ މެޗު ކުޅެދީފައިވާ އަގުއިލާ ކްލަބް ލެވެލްގައި ކުޅެން ފެށީ މިދިޔަ އަހަރުއެވެ. އަލިއަންޒާ އަށް އަގުއިލާ ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެދީފައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އޮތް 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމަށް ކުޅެފައެވެ.

އަގުއިލާއަކީ އަލިއަންޒާ ލިމާ އިން ޔޫރަޕްގެ ކްލަބަކަށް ސޮއި ކުރި ފުރަތަމަ ކުޅުންތެރިޔާއެއް ނޫނެވެ. މީގެ ކުރިން ކްލައުޑިއޯ ޕިޒާރޯ އެ ކްލަބުން ޖަރުމަނުގެ ވާޑާ ބްރޭމަން އަށް ބަދަލުވިއިރު ޖެފާސަން ފާފާ ވަނީ އަލިއަންޒާ އަށް ފަހު ހޮލަންޑުގެ ޕީއެސްވީ އަށް ކުޅެފައެވެ.