އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ބަހުގެ ހަމަލާތަކެއް ރައްދުކުރެވުނީތީ ހިތާމަކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޗެލްސީގެ ކޯޗަކަށް ހުރިއިރު، މޮރީނިއޯ ވަނީ ވެންގާއަށް އަމާޒުކޮށް ބަހުގެ ގިނަ ހަމަލާތަކެއް ރައްދުކޮށްފައެވެ. އެގޮތުން ވެންގާ އަކީ ފެއިލް ވުމުގެ މާހިރެއް ކަަމަށް ބުނެ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ޕްރިމިއަރ ލީގުގައި މިރޭ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، މޮރީނިއޯ ބުނީ ކުރިން ދެކެވިފައި ހުރި ބައެއް ވާހަކަތަކުގެ ސަބަބުން ހިތާމަކުރާ ކަމަށާއި, އެހެން ނަމަވެސް އެ ހުރިހާ ބަހުގެ ހަމަލާތަކެއް ރައްދު ކުރީ ހަމައެކަނި އޭނާ އެކަނިނޫން ކަމަށެވެ. އަދި ވެންގާވެސް އޭނާ ބުނަން ބޭނުންވި އެއްޗެހި ބުނެފައިވާ ކަމަށް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ 2004 ވަނަ އަހަރު އޭނާ ޗެލްސީއާ ގުޅުނުއިރު، އިނގިރޭސި ލީގުގައި އެންމެ ބޮޑު ވާދަވެރިޔަކީ އާސެނަލް ކަަމަށާއި އެޓީމުގެ ކޯޗު ވެންގާއާ ދޭތެރޭ ވާދަވެރިކަން އުފެދުނީ އެހެންވެގެން ކަމަށެވެ

ފާޑުކިއުން ތަކުގެ ތެރެއިން މޮރީނިއޯ ބުނެފައިވަނީ ވެންގާގެ އުމުރުން 68 އަހަރު ވަންދެން ކޯޗިންގައި ދެމިހުންނަން އޭނާ ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެއް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އަދި އޭނާ ބުނީ ފުޓްބޯޅައިގައި މިހާރުގެ ވިސްނުމަށް ބަލާއިރު ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެއާ އެއް ވަރަށް ކާމިޔާބު ހޯދުމަކީ ވެސް ލާޒިމު ކަމެއް ކަމަށެވެ.

ޔުނައިޓެޑާ ދެކޮޅަށް މިރޭ އާސެނަލް ނުކުންނައިރު، މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ކިބައިން ވެންގާ އަށް ފުރިހަމަ ސަޕޯޓެއް ދިނުމަށް އެދިފަ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ފަސް ޕޮއިންޓުގެ ލީޑަކާއެކު ލީގުގެ ދެ ވަަނަ ލިބޭނެ އެވެ. އެހެން ނަމަވެސް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ރަށުންބޭރުގައި ބުރާސްފަތި ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް އަރާމްކުރަން ފުރުސަތު ދިނުމުގެ ގޮތުން އާސެނަލް ނުކުންނާނީ އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންނާ ނުލައެވެ .

މި ސީޒަނަށް ނިމުމުން 22 އަހަރަށް ފަހު އާސެނަލް ދޫކޮށްލާނެކަން ވެންގާ ވަނީ އިއުލާން ކޮށްފަ އެވެ.

ޔުނައިޓެޑާއި އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.