ކޮވިޑް-19 އާ ގުޅިގެން މުސާރަ ކުޑަކުރަން ހުށަހެޅުމުން އެކަމާއި ދެކޮޅު ހެދި އާސެނަލްގެ ތަރި މެސުޓް އޮޒިލް އަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ދެ ހަފްތާ ވަންދެން ކުރި މަޝްވަރާތަކަށް ފަހު، މުސާރަތައް ދަށް ކުރުމަށް އާސެނަލްގެ ސީނިއާ ޓީމުގެ ކުޅުންތެރިން އެއްބަސްވީ މިދިޔަ ހޯމަ ދުވަހުއެވެ.

އާސެނަލްގެ ރަސްމީ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން އަންނަ މެއި މަހުން ފެށިގެން އެޓީމުގެ ކުޅުންތެރިންގެ އިތުރަށް، ހެޑް ކޯޗު މިކެލް އާޓެޓާ އާއި ކޯޗިންގް އޮފިޝަލުންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރަން ވަނީ ނިންމައިފައެވެ.

މުސާރަ ދަށް ކުރަން އާސެނަލްގެ ގިނަ ކުޅުންތެރިން އެއްބަސްވި ނަމަވެސް ސީނިއާ ޓީމުގެ ތިން ކުޅުންތެރިއަކު އެކަމާއި ދެކޮޅު ހަދާފައިވާ ކަމަށް އިނގިރޭސވިލާތުގެ ބޮޑެތި ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އަޑުތައް ފެތުރެމުން އަންނަނީ މިޑްފީލްޑަރު އަދި ކްލަބުގެ އެންމެ ބޮޑު މުސާރަ ލިބޭ ޖަރުމަނުގެ ތަރި އޮޒިލް އެވެ. ޕްރިމިއާ ލީގުންވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންގެ ތެރޭ ހިމެނޭ އޮޒިލް އަށް ހަފުތާއެއްގެ މައްޗަށް 350،000 ޕައުންޑް ލިބެއެވެ. އެންމެ ބޮޑު މުސާރައާއެކު އަދި ކްލަބުގެ ހަތަރު ކެޕްޓަނުންގެ ތެރޭގައިވެސް ހިމެނޭ އޮޒިލް މިހާލަތުގައި މުސާރަ ދަށްކުރުމަށް ދެކޮޅު ހެދުމުން ފުޓްބޯޅައިގެ މަޝްހޫރު ގިނަ ފަރާތްތަކުން އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ސްކައި ސްޕޯޓްސް އާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޖެމީ ކެރެގާ ބުނީ ފުޓްބޯޅަ އަކީ ޓީމް ކުޅިވަރެއް ކަމަށާއި ކްލަބުގެ އެންމެ ނަން ހިިނގާ ކުޅުންތެރިޔާގެ ގޮތުގައި ހުރެ އޮޒިލް މުސާރަ ދަށް ކުރަން ދެކޮޅު ހެދުމުން އޭނާ އަޖައިބުވެފައިވާ ކަމަށެވެ.

" ފުޓްބޯޅަ އަކީ ޓީމް ކުޅިވަރެއް. އިންޑިވިޖުއަލް ކަމެއް ނޫން މިއީކީ. މިހާލަތުގައި އޮޒިލް ކަހަލަ ކުޅުންތެރިޔަކު ކޮންމެހެންވެސް ޖެހޭނެ ޓީމުގެ އެހެން ކުޅުންތެރިންނާއި އެއްގޮތަށް މިކަމަށް އިޖާބަ ދޭން. ސީނިއާ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފުރަތަމަ މިކަމަށް އެއްބަސްވެ އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކަން ޖެހޭނެ. މިހާލަތުގައި އަހަރެން އޮޒިލްގެ މަގާމުގައި ހުރެ މުސާރަ ދަށްކުރުމަށް ތާއީދު ނުކުރިނަމަވެސް އަހަރެން މިކަމަށް އެއްބަސްވާނަން. ސަބަބަކީ ޓީމުގެ އެހެން ކުޅުންތެރިންނާއި ކޯޗުވެސް ޓީމެއްގެ ގޮތުގައި މިކަމަށް އެއްބައިވުމުން ދެން ނޯންނާނެ އިތުރު އެއްވެސް އޮޕްޝަނެއް. އަހަރެން ދެކޭ ގޮތުގައި މިއީ އޮޒިލް ބައިކޮޅަށް ޖެހި ގޯލެއް. ކްލަބުން އެންމެ ބޮޑު މުސާރައެއް ނަގާ ކުޅުންތެރިޔާގެ ގޮތުގައި ހުރެ މުސާރަ ދަށް ކުރަން އޮޒިލް އެއްބަސްނުވުމުން މިކަން އިތުރަށް ގޯސްވެގެން އެބަދޭ، " ކެރެގާ ބުންޏެވެ.

ކެރެގާގެ އިތުރުންވެސް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި އޮޒިލް އަށް ފާޑުކިޔަމުންނެވެ. ގިނަބައެއްގެ ނުރުހުން އޮޒިލް އަށް އަމާޒުވިނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ 29 އަހަރުގެ ކުުޅުންތެރިޔާގެ ދިފާއުގައިވެސް ވާހަކަ ދައްކަމުންނެވެ. އޮޒިލް އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައިން ޗެރިޓީތަކަށް އެހީތެރިވިދިން އެކެކެވެ. މިދިޔަ އަހަރު އޭނާގެ ކައިވެނީގެ އުފަލުގައި އޮޒިލް ވަނީ އޭނާގެ ހަރަދުގައި މަދުވެގެން 1000 ކުދިންނަށް ސާޖަރީ ހެދުމުގެ މަގުފަހިކޮށްދޭނެކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން އޮޒިލް ވަނީ ތުރުކީ އާއި ސީރިޔާގައި އިން 100000 އަށް ވުރެ ގިނަ ފަގީރުންނަށް ކާބޯތަކެއްޗާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މުސާރަ ދަށްކުރަން ދެކޮޅު ހެދުމާއި ބެހޭގޮތުން އަދި މިހާތަނަށް އޮޒިލް މީޑިއާގައި އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް އޭނާގެ އޭޖެންޓް ޑރ. އެރްކުތް ސޮގަޓް ވަނީ މީގެ ކުރިން މުސާރަ ކުޑަ ކުރަން ކްލަބުތަކުން ހުށަހަޅާ ހުށަހެޅުމަށް އެއްބަސް ނުވުމަށް ޕްރިމިއާ ލީގުގެ ކުޅުންތެރިންނަށް ގޮވާލާފައެވެ. ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ވެސް ވަނީ ދެކޮޅު ހަދައިފައެވެ. ޕީއެފްއޭ އިން މިހެން އަމަލުކުރީ ޕްރިމިއާ ލީގަކީ އާމްދަނީ ވަންނަ ބޮޑު ލީގެއް ކަމުން، މި މުއްދަތުގައި ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން ބައެއް ކްލަބްތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިމްޒިމް

    މުސާރަ ކުޑަލުރާނެލަމެއްނެތް.. އެ 12 ޕަސެންޓް ކޮވިޑް ފަންޑަށްދީ..

    19
    1
  2. ޒީރޯޓޮލަރަންސް

    އޮޒިލްގެ ނިންމުން ކިތަންމެހާވެސް ރަގަޅު. މުސްލިމުންނަށާއި ނިކަމެތިންނަށް އަޅާލާ މިންވަރު އިހުނަށްވުރެ އިތުރުކުރޭ. އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ދަހިވެ މަސައްކަތް ކުރޭ.