އިޓަލީވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވާތީ އެ ގައުމުގެ ފުޓްބޯޅަ ލީގު އަލުން ފަށަން ހަތް ކްލަބަކުން ދެކޮޅު ހެދި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ލީގު ކެންސަލް ނުކޮށް ފުރިހަމަކުރަން މަސަތްކަތް ކުރާނެ ކަމަށް ލެގާ ސެރިއޭ ކައުންސިލުން ބުނެފި އެވެ.

ސެރިއާ ހިންގާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިޓަލީގެ ސަރުކާރުން ހުއްދަދޭ ނަމަ، ލީގު ފުރިހަމަކުރާނެ ކަމަށާއި އެކަން ކުރާނީ ފީފާ އާއި ޔުއެފާ އިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލީގު އަލުން ފެށުމާއި ދެކޮޅު ހަދާފައިވަނީ ސެރިއޭ އޭގެ ކްލަބުތަކުގެ ތެރެއިން އުދިނޭޒީ، ބްރެޝިއާ، ސަމްޕްޑޯރިއާ، ޓޮރިނޯ، ސްޕާލް އަދި ކަލިއާރީގެ އިތުރުން ޖެނޯއާ އެވެ. ލީގު ފެށުމާއި މި ކްލަބުތަކުން ދެކޮޅު ހެދި ނަމަވެސް، ޔޫރަޕްގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ޔުއެފާއިން ވަނީ އެ އިދާރާގެ ހުއްދަ ނުހޯދައި އެއްވެސް ލީގެއް ކެންސަލް ނުކުރަން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް އަންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ލީގުތައް މެދުކަނޑާލީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން މުއްދަތެއް ނެތް ގޮތަށް ލީގު ހުއްޓާލާފައިވާއިރު އިޓަލީގެ ސަރުކާރުން ވަނީ އަންނަ މެއި މަހުގެ 3 ގެ ނިޔަލަށް އެގައުމު ފުރަބަންދުކޮށް އެއްވެސް ކުޅިވަރު ހަރަކާތެއް އެ ގައުމުގައި ބޭއްވުން މަނާ ކޮށްފައެވެ. އެހެންނަމަވެސް މޭ 3 ވަނަ ދުވަހު ފުރަބަންދުގެ މުއްދަތު މުޅިން ނިމިއްޖެނަމަ ކްލަބްތަކުގެ ޕްރެކްޓިސްތައް ފަށަން ފުރުސަތު ލިބިގެންދާނެއެވެ. އެއާއެކު މެއި ފަހުކޮޅު ލީގުތައް އަލުން ފެށޭވަރު ވެދާނެ ކަމަށް ލެގާ ސެރިއޭ ކައުންސިލުން ގަބޫލުކުރެއެވެ.

ލީގު މެދުކަނޑާލިއިރު، ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓް ހޯދައިގެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 26 މެޗުން ވަނީ 62 ޕޮއިންޓު ލިބިފައެވެ. ލީގުގައި ބާކީ އޮތް ބައިގައި، ގިނަ ޓީމުތަކަށް އޮތީ 12 މެޗެވެ. ކުރިއަށް ކުޅެން ހުރި މެޗުތަކުގެ ތެރޭގައި ލީގުގެ އިތުރުން އިޓާލިއަން ކަޕުގެ ސެމީ ފައިނަލް އަދި ފައިނަލާއި އަދި ޔޫރަޕުގައި އިޓަލީގެ ހަތަރު ޓީމެއް ކުޅެން ޖެހޭ މެޗުތައް ހިމެނެއެވެ.

އިޓަލީ އަކީ ޗައިނާ އަށް ފަހު އެންމެ ފުރަތަމަ ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެން ފެށި ގައުމެވެ. އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 181000 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެތެރެއިން 24000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޓިވް ޗީފް އެންގެލޯ ބޮރެއްލީ ވިދާޅުވީ ކޮވިޑް-19 ޖެހެމުން އަންނަ މީހުންގެ އަދަދު ކުރިއާ އަޅާބަލައިރު އެގައުމުގައި މަދުވެ، ބަލިން ރަނގަޅު ވަމުން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. އިޓަލީގެ ހާލަތު މިހާރު ކޮންޓްރޯލް ވަމުން އަންނައިރު އެގައުމުން ގެންދަނީ މިހާރު މީހުން ބޭރަށް ނިކުތުމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ވެސް ދެމުންނެވެ.