ކޮވިޑް-19 އާ ހެދި އިތުރު ތިން މަސް ދުވަހަަށް ނެދަލެންޑްސްގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން އެގައުމުގެ ސަރުކާރުން ނިންމުމުން، ޑަޗް ފުޓްބޯޅަ ލީގް މި ސީޒަނުގައި ފުރިހަމަ ކުރެވޭނެ ފުރުސަތެއް ނެތް ކަމަށް ނެދަލެންޑްސްގެ ފުޓްބޯޅަ އިދާރާ އިން ބުނެފިއެވެ.

ނެދަލެންޑްސްގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގެ ސަރުކާރުން ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގައި ގިނަ މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ އިޖުތިމާއީ އަދި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެގައުމުގެ ސަރުކާރުން ނިންމި ނިންމުމާއެކު ސެޕްޓެމްބަރު މަހުގެ 1 ގެ ކުރިން އެގައުމުގައި އެއްވެސް ފުޓްބޯޅަ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ސަޕޯޓަރުން ނުވައްދައި ވެސް އެއްވެސް މުބާރާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމާއެކު 2019-2020 ސީޒަން އިތުރަށް ކުރިއަށް ނުގެންދަން ފުޓްބޯޅަ ބޯޑުން ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ޔުއެފާގެ ލަފަޔާއެކު ކަމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޔޫރަޕްގެ ބައެއް ލީގުތައް ފުރިހަމަ ކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު ޔުއެފާއިން ވަނީ ބައެއް ލީގުތައް ކެންސަލް ކުރަން ޖެހިދާނެކަމަށް މިދިޔަ ހަފްތާގައި ބުނެފަ އެވެ. ނެދަލެންޑްސްގެ ފުޓްބޯޅަ އެފްއޭ އިން ބުނީ އެންމެ ފަހުގެ ނިންމުން ނިންމުމަށް އަންނަ ހުކުރު ދުވަހު ޔުއެފާއާއެކު މަޝްވަރާ ކުރާނެ ކަމަށާއި މިކަމުގައި އެގައުމުގެ ކްލަބުތަކުގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށެވެ.

ހުކުރު ދުވަހު އޮންނަ މަޝްވަރާތަކުގައި ލީގް ކެންސަލް ކުރުމާއިމެދު ގޮތެއް ނިންމުމުގެ އިތުރުން މިސީޒަނުގެ ފުޓްބޯޅަ ލީގުގެ އެވޯޑްތަކާއި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ޖާގަތައް ކަނޑައަޅާނެ ގޮތަކާއި މެދު މަޝްވަރާ ކުރާނެ ކަމަށް އެފްއޭ އިން ބުނެއެވެ. ކޮރޯނާ ވައިރަހާ ހެދި ޑަޗް ފުޓްބޯޅަ ލީގް މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އަޔެކްސް އެވެ. ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން އޮތީ އޭޒީ އަލްކަމާ އެވެ.

ނެދަލެންޑްސް އިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް އެގައުމުން މި ބަލީގެ 34000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ނެދަލެންޑްސް އިން ލީގު ހުއްޓާލުމަށް މަޝްވަރާކުރަމުން އަންނައިރު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ބެލްޖިއަމުން ވަނީ އެގައުމުގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ބެލްޖިއަމް ޕްރޯ ލީގު ކެންސަލްކުރަން ނިންމައިފަ އެވެ.