މަގާމުން ދުރުކުރެވިފައިވާ ސެވިއްޔާގެ ކޯޗު ވިސެންޒޯ މޮންޓެލާ

ސްޕެނިޝް ކްލަބު ސެވިއްޔާގެ ކޯޗު ވިސެންޒޯ މޮންޓެލާ މަގާމުން ދުރުކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ސެވިއްޔާގެ ކޯޗު ކަމާއި ހަވާލުވި މޮންޓެލާ މަގާމުން ވަކި ކުރީ އެކްލަބަށް ލިބެމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ

ސެވިއްޔާ އިން ބުނެފައި ވަނީ މޮންޓެލާ މަގާމުން ވަކިކުރީ އޭނާގެ އިރުޝާދުގެ ދަށުން ދަށުން އެދެވޭ ނަތީޖާއެއް ނުނެރެވުމާއެކު ކްލަބަށް ލިބެމުންދިޔަ ދަށް ނަތީޖާތަކުގެ ސިލްސިލާ އިތުރުވަމުންދާތީ ކަމަށެވެ.

އުމުރުން 43 އަހަރުގެ މޮންޓެލާ ވަނީ މިދިޔަ އަހަރު ނޮވެންބަރު މަހު އޭނާގެ ކުރީގެ ކްލަބް އިޓަލީގެ އޭސީ މިލާންގެ ކޯޗު ކަމުން ވެސް ވަކިކޮށްފަ އެވެ.

ސެވިއްޔާގެ ކޯޗު ކަމުން މޮންޓެލާ ވަކިކޮށްފައިވާއިރު، ލީގުގައި ކުޅުނު 34 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެޓީމް އޮތީ ލީގު ތާވަލުގެ ހަތްވަނަ މަގާމުގަ އެވެ. ސެވިއްޔާއަށް ވަނީ އަންނަ އަހަރު ޗެމްޕިއަންސް ލީގުގެ ފުރުސަތުވެސް ގެއްލިފައެވެ. އަދި ޔޫރޮޕާ ލީގުން ޖާގަ ހޯދުމުގެ ފުރުސަތުވެސް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ސެވިއްޔާގެ ކޯޗު މަގާމުން ވަކިކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގަ މިދިޔަ މަހުގެ 13 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފަހުން އެޓީމު އަދި މޮޅުވެފައެއް ނުވެއެވެ.

ސެވިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ސީޒަންގެ ނިޔަލަށް ދެން ކްލަބާ ހަވާލުވާނީ ކުރިން ޓީމަށް ކޯޗު ކޮށްދިން ޖޮކީން ކަޕަރޯސް ކަމަށެވެ. އެއީ 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ކްލަބުގެ ހުންގާނުގައި ހުރި ކޯޗެކެވެ. އޭނާވަނީ ދެވަނަ ޑިވިޝަނުގައި އޮތް ސެވިއްޔާއާއި ހަވާލުވި ފުރަތަމަ ސީޒަނުގައި އެޓީމް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު