ޓޮޓެންހަމް ހޮޓްސްޕާސް އިން ވުލްވްސްގެ މެކްސިކޯ ފޯވަޑް ރައުލް ހިމެނޭޒް ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ އެ ކްލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވުލްވްސްގެ ތަރި ރައުލް ހިމެނޭޒް އާއި ވެސްޓް ހަމް ޔުނައިޓެޑްގެ ޑިފެންޑަރު އިސާ ޑިއޯޕެވެ. ހިމެނޭޒް އަދި ޑިއޯޕް އަކީ މާކެޓުގައި ފުދޭވަރަކަށް އަގު ބޮޑު ކުޅުންތެރިންނަށް ވުމުން މި ދެ ކުޅުންތެރިން ހޯދުމަށް ޓޮޓެންހަމުން މަދުވެގެން 100 މިލިއަން ޔޫރޯ ހޭދަކުރަން ޖެހޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވުލްވްސް އިން ހިމެނޭޒް ވިއްކާލާނީ މަދުވެގެން 44 މިލިއަން ޔޫރޯ އަށެވެ. އަނެއްކޮޅުން ވެސްޓް ހަމް އިން ޒުވާން ޑިއޯޕްގެ އަގަކަށް ޖަހާފައިވަނީ 53 މިލިއަން ޔޫރޯ އެވެ.

އުމުރުން 23 އަހަރުގެ ފްރާންސްގެ ރައިޓް ބެކް ޑިއޯޕް އަށް މޮރީނިއޯ ވަނީ ފަހަކަށް އައިސް ވަރަށް ގިނައިން ތައުރީފްކޮށްފައެވެ. މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ހުރެ ވެސްޓް ހަމް އަތުން އެ ޓީމު ބަލިވި މެޗެއްގައި ޑިއޯޕްގެ ފަރާތުން ފެނުނު ކުޅުން މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ޑިފެންސްގެ އިތުރުން ޓީމުގެ އެޓޭކް ރަނގަޅު ކުރުމަށް ވުލްވްސްގެ އެއް ނަންބަރު ފޯވާޑް ހިމެނޭޒް ގެނައުމުގެ މަސައްކަތް ވެސް ޓޮޓެންހަމުން ކުރަމުން އަންނައިރު މީގެ 12 ވަރަކަށް މަސް ކުރިން ދާއިމީ އެއްބަސްވުމެއްގެ ދަށުން ބެންފީކާ އިން 30 މިލިއަން ޕައުންޑަށް ވުލްވްސް އަށް ބަދަލުވި ހިމެނޭޒް އަކީ މިވަގުތު ޕްރެމިއާ ލީގުގައި ކުޅެމުން އަންނަ އެންމެ ހުނަރުވެރި އަދި ގޯލާ އެންމެ ރައްޓެހި އެކަކެވެ. މިދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި ހިމެނޭޒް ވަނީ މިސީޒަނުގެ މިހާތަނަށް ވުލްވްސް އަށް 22 ގޯލު ޖަހައިދީފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ހެދި ދިމާވެދާނެ މާލީ ގެއްލުންތަކުން އަރައިގަތުމަށް ދެން އޮންނަ ޓްރާންސްފާ ބާޒާރެއްގައި ފޯވަޑް ހެރީ ކޭން ވިއްކާލަން ޖެހިދާނެ ކަމަށް ޓޮޓެންހަމުން ވަނީ މީގެ ކުރިން ބުނެފިއެވެ. އެ ޓީމުން އަލަށް ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ނަގާފައިވާ އެއް ބިލިއަން ޕައުންޑުގެ ލޯނު އަދި ދައްކާ ނުނިމޭ އިރު މި ސީޒަން ފުރިހަމަ ނުކުރެވިއްޖެނަމަ ލޯނު ދެއްކުމުގައި އެ ކްލަބަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.

ވައިރަހާ ހެދި މި ސީޒަން ފުރިހަމަ ނުކުރެވުމުގެ ބިރު ދުވަހެއް ދުވަހަކަށް ބޮޑު ވަމުން އަންނައިރު ކްލަބް ބަނގުރޫޓްވިޔަ ނުދިނުމަށް، ދެން އަންނަ ޓްރާންސްފާ ބާޒާރެއްގައި ކުޅުންތެރިން ވިއްކާލައިގެން ނަމަވެސް އާމްދަނީ ހޯދަން ޓޮޓެންހަމަށް މަޖުބޫރުވާނެއެވެ. ލޯނުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ އެއްފަހަރާ ބޮޑު އަދަދަކުން ޓޮޓެންހަމަށް ލިބޭނެ އެންމެ ފަސޭހަ ގޮތަކީ މާކެޓުގައި އަގު ބޮޑުކޮށް ކްލަބުގެ އެއްވަނަ ފޯވަޑް ކޭން ވިއްކާލުމެވެ. ކޭން ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސަތްކަތް ކުރަމުން އަންނައިރު އޭނާ ވިއްކާލަން ޖެހިއްޖެ ހާލަތެއްގައި ރިޕްލޭސްމަންޓަކަށް ވުލްވްސްގެ 29 އަހަރުގެ ހިމެނޭޒް ޓޮޓެންހަމަށް ގެނައުމަކީ މޮރީނިއޯ ބޭނުންވާ ގޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.