މިނިވަން ޗެމްޕިއަންޝިޕުގެ ގުރޫޕް އޭގެ 8 ވަނަ މެޗުގައި މިއަދު ހިތަދޫ އަދި ކުޑަހުވަދޫ ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

މިއަދު ކުޅުނު މެޗަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ތަށި އުފުލާލި ކުޑަހުވަދޫ އަށް މުބާރާތުގައި ކުރިޔަށް ދިޔުމަށް މުހިންމު މެޗެކެވެ. ނަމަވެސް މިއަދުގެ މެޗު އެއްވަރުވުމުން ކުޑަހުވަދޫ ވަނީ މުބާރާތުން ކަޓާފައެވެ.

މއަދު ހަވީރު ނިލަންދޫ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން އައީ ވަރަށް ފޯރި ގަދަ ކޮށެވެ. ހިތަދޫ ޓީމުން ގިނަ ފުރުސަތު ތަކެއް ހޯދި ނަމަވެސް ކުޑަހުވަދޫ ގޯލައް ފޮނުވާލި އެއްވެސް ހަމަލާއެއް ގޯލުގެ ތެރެއަށް ވަންނަ ގޮތެއް ނުވިއެވެ.

ހާފުގެ ގިނަ ވަގުތު ހިތަދޫ އިން ބޯޅަ ގެންގުޅުނު ނަމަވެސް ކުޑަ ހުވަދޫ އިން ހެދި މަދު ހަމަލާތަކުގެ ތެރެއިން މެޗުގެ 40 ވަނަ މިނެޓުގައި ކުޑަހުވަދޫގެ ބިދޭސީ ކުޅުންތެރިޔާ ނެލްސަން ވަނީ ކުޑަހުވަދޫ އަށް ލީޑު ނަގާދީފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ކުޅުން އިތުރަށް ރަނގަޅުކުރިއިރު ގޯލްޖަހާނެ ފުރުސަތުތަށް އައީ ތަނަވަސްކުރަމުންނެވެ. އެގޮތުން މި ހާފުގައި ވެސް ކުޑަހުވަދޫ އިން ވަނީ ހިތަދޫގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ހަމަލާތަށް ދިފާއުކުރުމުގައި ހިތަދޫ ޓީމުގެ ނައިޖީރިއާ އަށް ނިސްބަތްވާ ގޯލު ކީޕަރު ލޯރެންސްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތު ދައްކާފައި ވަނިކޮށް މެޗުގެ 84 ވަނަ މިނެޓުގައި ކުޅެން އެރި އިބްރާހިމް ސިރާޖު (ބެކޭ) ވަނީ ހިތަދޫ އަށް ނަތީޖާ އެއްވަރުކޮށްދީ އެޓީމަށް މި މެޗުން ޕޮއިންޓެއް ހޯދާދީފައެވެ.

މިމެޗު އެއްވަރުވުމުން ގްރޫޕްގެ ދެވަނައިގައި އޮތް ހިތަދޫ އަށް މިހާރު ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ނިލަންދޫ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ހިތަދޫ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ތިމަރަފުށްޓެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ކުޑަހުވަދޫ ކަޓާފައި ވަނީ ކުޅުނު 4 މެޗުން 5 ޕޮއިންޓު ލިބުމާ ގުޅިގެންނެވެ. ކުރިޔަތް އޮތް މެޗުތަކުގައި ނިލަންދޫ ހޯޑެއްދޫ އާއި ވާދަ ކުރާއިރު ހިތަދޫ ވާދަކުރާނީ ގުރޫޕުގެ އެންމެ ފަހު މެޗުގައި ތިމަރަފުށްޓާއެވެ.