ކުރިއަށް އޮތް ތާގައި ގައުމީ ޓީމާއެކު އެދެވޭ ކާމިޔާބީއެއް ހޯދަން ބޭނުންނަމަ ދަނޑު ބޭރުގައި ނޭމާގެ އަމަލުތައް ރަނގަޅު ކުރަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑް އަދި ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު ރަފޭލް ބުނެފިއެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ނޭމާ ހިމެނެނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައެވެ. ބްރެޒިލްގެ ސަންޓޯސް އިން 2013 ވަނަ އަހަރު ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އަށް ބަދަލުވުމަށްފަހު ނޭމާ ވަނީ އޭނާގެ ހުނަރު ކްލަބް ލެވެލްގައި އާއި ގައުމީ ލެވެލްގައިވެސް އެކި ފަހަރު މަތިން ދައްކާފައެވެ. ހަލުވި މިނެއްގައި ގިނަ ރެކޯޑުތަކަކާއެކު ފުޓްބޯޅައިގެ އެކި ހަރުފަތްތައް ގިރާ ކުރަމުން އައި ނޭމާގެ ކެރިއަރު އަޑިއަޅާލީ ބާސާ ދޫކޮށް އޭނާ ޕީއެސްޖީ އަށް ބަދަލުވި ހިސާބުންނެވެ. ދުނިޔޭގެ ރެކޯޑް ފީ އަކަށް އޭނާ ބާސާ ދޫކޮށްލީ ފައިސާ އަށް ކަމަށް ބުނެ އޭރު މީޑިއާތަކުގައި ގަދަ އަށް ވާހަކަ ދެކެވުނެވެ.

އާ ޗެލެންޖަކަށް ކަމަށް ބުނެ ނޭމާ ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް އޭނާގެ ކެރިއަރަށް ވަކި ކުރިއެރުމެއް ލިބުނު ތަނެއް ފެނިިގެން ނުދިޔައެވެ. އަޚުލާގީ ގިނަ މައްސަލަތަކާއި ހެދި ގިނަ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް އެކި ފަހަރު މަތިން އަމާޒުވެގެން ގޮސްފައިވާއިރު އޭނާ އާއި ޕީއެސްޖީގެ ކޯޗުންނާއި ކުޅުންތެރިންގެ ދެމެދުގައިވެސް މައްސަލަތައް ޖެހި ގުޅުން ގޯސްވެފައި އެބަހުއްޓެވެ. އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވަނީ މީގެ ކުރިން ނުސީދާ އިންޒާރެއް ވެސް ދީފައެވެ. މީގެ އިތުރުން އަހްލާގީ މައްސަލަތަކުގެ ސަބަބުން ބްރެޒިލްގެ ކެޕްޓަން ބޭންޑް ވެސް ވަނީ ނޭމާ އަތުން ނަގާފައިވާއިރު ބްރެޒިލް އަންހެނެއް ރޭޕްކުރި ކަމުގެ ތުހުމަތު ވެސް ނޭމާގެ މައްޗަށް ކުރެވި އޭނާ ފުލުހަށް ވެސް ހާޒިރުކޮށްފައިވެއެވެ.

މި ހުރިހާ ސަބަބަކާއި އަދި އަނިޔާގެ އެކި މައްސަލަތަކާއި ހުރެ ނޭމާގެ ހަގީގީ ފެންވަރަށް މިއަދާ ހަމައަށް އޭނާ އަށް ވާސިލްވެވިފައި ނެތް ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ. އޭގެ ތެރެއިން އެކަކީ ނޭމާ އާއެކު 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ބްރެޒިލް ޓީމަށް ކުޅުނު ޑިފެންޑަރު ރަފޭލް އެވެ.

ނޭމާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރަފޭލް ބުނީ އޭނާގެ ކުރީގެ ޓީމް މޭޓަކީ ހުނަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެންނަމަވެސް އޭނާ އަކީ ލީޑަރެއް ނޫން ކަމަށެވެ. އަދި ބްރެޒިލަށް ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރުގައި ނޭމާގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި ގައުމީ ޓީމާއެކު ކާމިޔާބީ ހޯދުމަށް ނޭމާ އަށް ކުރަން ޖެހިފަ އޮތް އެންމެ ބޮޑު މަސަތްކަތަކީ ދަނޑު ބޭރުގައި އޭނާގެ އަމަލުތައް ރަނގަޅު ކުރުން ކަމަށެވެ.

" ނޭމާ އަކީ މޮޅު ކުޅުންތެރިއެއް. ބްރެޒިލް ޓީމަށް އެބަ ބޭނުންވޭ ނޭމާ. އެކަމަކު އޭނާ އެބަޖެހޭ ދަނޑު ބޭރުގައި ރަނގަޅަށް އުޅެން. ފުޓްބޯޅަ ކުޅުންތެރިޔަކަށް އެއީ މުހިއްމު ކަމެއް. ދަނޑު ބޭރުގައި އަމަލުތައް ރަނގަޅަށް ބެހެއްޓިގެން ދަނޑު މައްޗަށް އައިސް އެންމެ ރަނގަޅަށް ކުޅެވޭނީ. ނޭމާ ކިތައްމެ މޮޅަސް އޭނާ އަކީ ލީޑަރެއް ނޫން. އަނެއްކޮޅުން އެހެން މީހުން ދޭ އިރުޝާދު ތަކަށް ތަބާވުމުގައި ނޭމާ އަށް ދަތިތަކެއް ދިމާވޭ. އޭނާގެ ވަށައިގެން އެނބުރޭ ބައިވަރު ކަންތައްތައް. އެކަމަކު އެހެންނެއް ނޫން އެކަން ވާންވީ. ފުޓްބޯޅަ ވާން ޖެހޭނީ ނޭމާގެ ފުރަތަމަ އޮޕްޝަނަށް. އަހަރެން އުއްމީދު ކުރަން އޭނާ އަށް އެކަން ވާނެ ކަމަށް. އެކަން ވެއްޖެނަމަ ބްރެޒިލަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ." ރަފޭލް ބުންޏެވެ.

ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ނޭމާ ބަދަލުކުރަން ޕީއެސްޖީ އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާގައި ދާދި ފަހުން އަޑުތައް ގަދަވި ނަމަވެސް އަދި މިހާތަނަށް ބާސާގެ ފަރާތުން ޕީއެސްޖީ އަށް އެފަދަ އެއްވެސް ރަސްމީ އޮފާ އައިސްފައެއް ނުވެ އެވެ.