ލިއޮނަލް މެސީ

ލިއޮނަލް މެސީގެ ހެޓްރިކާއެކު ސްޕެނިޝް ލީގު ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ބާކީ އަދި ހަތަރު މެޗު އޮއްވާ ބާސާ އިން ލީގު ޗެމްޕިއަންކަން ހޯދީ ރޭ ޑިޕޯޓިވޯ ލަކަރޫނިއާ އާއި ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކޮށްގެންނެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 86 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 75 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ކުރިއަށް ހުރި ހުރިހާ މެޗަކުން އެޓީމު މޮޅުވިޔަސް ދެން ބާސާއާ އަރާ ހަމަ ނުކުރެވޭނެއެވެ. ބާސާ އަތުން ރޭ ބަލިވި ޑިޕޯޓިވޯ ވަނީ ސްޕެނިޝް ލީގުން ރެލިގޭޓް ވެފައެވެ. އެޓީމު އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

ޑިޕޯޓިވޯގެ ދަނޑުގައި ރޭ ކުޅުނު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ބާސާ އަށް މެޗުގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ. އަދި މެޗުގެ 38 ވަނަ މިނެޓްގައި މެސީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ލޫކަސް ޕެރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް ޑިޕޯޓިވޯ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 64 ވަނަ މިނެޓްގައި ކޮލަކް ވަނީ ޑިޕޯޓިވޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޑިޕޯޓިވޯ އިން ނަތީޖާ އެއްވަރުކުރުމާ އެކު ބާސާ އިން ވަނީ ކުޅުން އަލުން ރަނގަޅުކޮށް ޑިޕޯޓިވޯގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން ސުއަރޭޒް ދިން ޕާހަކުން މެޗުގެ 82 ވަނަ މިނެޓްގައި މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ.

އަދި އޭގެ ތިން މިނެޓްފަހުން މެސީ ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ހެޓްރިކާއެކު ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ.

މިއީ ބާސާ އިން ސްޕެނިޝް ލީގު ކާމިޔާބުކުރި 25 ވަނަ ފަހަރެވެ. ސްޕެނިޝް ލީގު މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެ ކްލަބުން ވަނީ 33 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

ސްޕެނިޝް ލީގުގެ އިތުރުން ބާސާ އިން ވަނީ މި ސީޒަނުގައި ސްޕެނިޝް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ލީގުގައި އަދި މިހާތަނަށް ކުޅުނު މެޗަކުން ބާސާ ބަލިވެފައިނުވާއިރު ލީގުގައި އެޓީމު ދެން ނިކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު