ފަހުވަގުތު ފެލައިނީ ކާމިޔާބުކުރި ގޯލުން އާސެނަލްގެ މައްޗަށް 1-2 އިން މެންޗެސްޓަރ ޔުނައިޓެޑް ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ދެވަނައިގައި ޔުނައިޓެޑް މިހާރު އޮތީ 77 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި އާސެނަލް އޮތީ 57 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް އާސެނަލް އިން ނިކުތީ ގިނަ ބަދަލުތަކާއެކުއެވެ. އެގޮތުން ކުރިއަށް ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗު އޮތުމުން މި މެޗުގައި އާސެނަލްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ މެސުޓް އޮޒިލް އާއި ލަކަޒެޓް އާއި ވިލްޝެއާ އާއި މުސްތާފީ އަދި ކޮޝެލްނީ މެންފަދަ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ.

އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޔުނައިޓެޑުން ކަމަށްވާއިރު މި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯލް ޕޮގްބާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ މިކިތާރިންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ޔުނައިޓެޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދިނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑުން އެޓީމާއި ގުޅުނު މިކިތާރިޔަންއެވެ.

ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފްގައި ދެ ޓީމުންކުރެ ޓީމަކަށް ލިބިފައިނުވާއިރު މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ފެލައިނީއެވެ. ފެލައިނީ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި މެޗުން އާސެނަލް ބަލިވިއިރު މިއަހަރުތެރޭ ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން އާސެނަލް މިހާތަނަށް މޮޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބާންލީއާއެވެ. ޔުނައިޓެޑުން ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.