3-0 އިން ފިއޮރެންޓީނާ އަތުން ބަލިވެ ގިނަ އަހަރުތަކަކަށްފަހު އިޓާލިއަން ލީގު ހޯދުމަށް ނަޕޯލީ އިން ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ރޭގެ މެޗުން ބަލިވުމުން ލީގުގެ ދެވަނައިގައި ނަޕޯލީ އޮތީ 84 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި 88 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސްއެވެ. ލީގުގައި މި ދެ ޓީމަށް ވެސް ބާކީ ދެން އޮތީ ތިން މެޗެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ރެފްރީ ވަނީ ނަޕޯލީގެ ޑިފެންޑަރު ކުލިބަލީ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ފިއޮރެންޓީނާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުގައި ފިއޮރެންޓީނާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ދެއްކި ޖިއޮވާނީ ސިމިއޯނީއެވެ. އަދި މެޗުގެ 62 ވަނަ މިނެޓްގައި ފިއޮރެންޓީނާގެ ދެވަނަ ގޯލުވެސް ސިމިއޯނީ ކާމިޔާބުކޮށްދިންއިރު މެޗުގެ ފަހު މިނެޓްގައި ސިމިއޯނީ ވަނީ ފިއޮރެންޓީނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުގައި ފިއޮރެންޓީނާ އަށް ތިން ގޯލު ކާމިޔާބުކޮށްދިން އުމުރުން 22 އަހަރުގެ ސިމިއޯނީ އަކީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު ފިއޮރެންޓީނާގެ ގޯލާއި އަމާޒުކޮށް މުޅި މެޗުގައި ވެސް އެޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ރޭގެ މެޗުން ބަލިވުމުން ލީގު ހޯދުމަށް ނަޕޯލީ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައިވާއިރު އެޓީމަށް އެންމެފަހުން ލީގު ކާމިޔާބުކުރެވިފައިވަނީ 1990 ވަނަ އަހަރުއެވެ.

އިޓާލިއަން ލީގު ފާއިތުވި ހަ އަހަރު ވެސް ކާމިޔާބުކޮށްފައި ވަނީ ޔުވެންޓަސް އިންނެވެ.