ކަރަންޓީނުގައި ރ. ފުރަވެރި ރިސޯޓުގައި ތިބި ޓީސީ ސްޕޯޓްސް ކްލަބުގެ ހުރިހާ މެމްބަރުން ކޮވިޑް-19 އަށް ނައްސި ވުމުން މިއަދު ދޫކޮށްލައިފި އެވެ.

ބަންގްލަދޭޝް އިން ކޮވިޑް-19 ފެނި، އެގައުމުން ރާއްޖެ އަށް މީހުން އެތެރެވުން ދިވެހި ސަރުކާރުން މަނާކުރުމުން ޓީސީ ފުޓްބޯޅަ ޓީމު ސީދާ ރާއްޖެ ގެނައުމުގެ ބަދަލުގައި ދިވެހި ސަރުކާރުން ނިންމީ ލަންކާގައި ޓީމް ކަރަންޓީނު ކުރުމަށެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހު ޓީސީ ޓީމު ކަރަންޓީނުކުރީ ލަންކާގެ މެރީނޯ ބީޗް ހޮޓަލުގަ އެވެ.

ލަންކާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު މާޗް 26 ވަނަ ދުވަހު ހަމަވި ނަމަވެސް އޭރު އެގައުމު ފުރަބަންދު ކޮށްފައި އޮތުމުން ޓީސީ ލަންކާގައި ތާށިވި އެވެ. ރާއްޖެ ނާދެވި ޓީސީގެ މެމްބަރުން ލަންކާގައި ތާށިވީ ކަރަންޓީނުގެ މުއްދަތު ހަމަވުމުގެ ކުރިން ވައިރަހާ ހެދި ލަންކާ ފުރަބަންދު ކުރުމުންނެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބަށުންދަރާ ކިންގްސްއާ ވާދަކުރަން ކުރި ދިގު ދަތުރު ނިންމާލުމަށްފަހު ޓީސީ ޓީމު ރާއްޖެ އައީ ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން މި މަހުގެ ފަސް ވަނަ ދުވަހު ހަމަޖެއްސި ހާއްސަ ފްލައިޓެއްގައެވެ. އަދި، ރާއްޖޭން ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީނު ފެސިލިޓީއަކަށް ގެންދަން ދިވެހި ސަރުކާރުން ނިންމާފައިވާތީ ޓީސީ ޓީމު ވަނީ އެރޭ ފުރަވެރި ރިސޯޓަށް ގެންގޮސްފަ އެވެ.

ފުރަވެރި ރިސޯޓުގައި ޓީސީ ޓީމުގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޓީސީ ޓީމު ކޮވިޑް-19 އަށް ޓެސްޓު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވާއިރު ފުރަވެރި ރިސޯޓުގައި ތިބި ޓީމުގެ 29 މެމްބަރުން ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާކަން މިހާރު ވަނީ ޔަގީންވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ބާކީ އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެފްއޭއެމުން ވަނީ ކެންސަލް ކޮށްފައެވެ. އެއާއެކު ކްލަބްތަކަށް ވަނީ މި ސީޒަން ނިމިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަތާރަ

    ނައްސިވިއޭ ކިޔާފައި މިއުޅޭ އަންނި ހެދިގޮތަށް ގޮވާ ހަޅޭލަވަމުންގޮސް ބައްޔާމެދު ކަންބޮޑުވެ ވާހަކަ ދެއްކިމީހުންނަށް މަލާމަތް ކުރާނީކީނޫން ނުވަތަ ޕާޓިބާއްވާވީއެއްނޫން މާﷲއަށް ހަމްދުކޮށް ޝުކުރު ކުރާނީ!

    10