ލިވަޕޫލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފަމީނޯ އާކޮށްފިއެވެ.

2015 ވަނަ އަހަރު ލިވަޕޫލްއާ ގުޅުނު ފަމީނޯ އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ފަމީނޯ ބުނީ ލިވަޕޫލްގައި އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި ހުރިހާ ކަމެއް ވެސް އެ ކްލަބުގައި ދަނީ އޭނާ އެންމެ ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ޓީމުގެ ސަޕޯޓާއެކު އޭނާ އަށް ލިވަޕޫލްގައި ހުރެގެން އިތުރު ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް ފަމީނޯ ބުންޏެވެ.

"ކޮންޓްރެކްޓް އާކުރަން ނިންމި ނިންމުމަކީ ވަރަށް ފަސޭހަ ނިންމުމެއް. މި ކްލަބުން ވަނީ އަހަރެން ވަރަށް ރަނގަޅު ގޮތެއްގައި ބަލައިގެންފައި" ފަމީނޯ ބުންޏެވެ.

ޖަރުމަނުގެ ހޮފެންހެއިމް އިން ލިވަޕޫލްއާ ގުޅުނު ފަމީނޯ އަކީ އެ ކްލަބުގެ ކުރީގައި މިހާރު މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ފަމީނޯ ވަނީ ލިވަޕޫލް އަށް މިހާތަނަށް 140 މެޗު ކުޅެދީ 50 ގޯލު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލް އަށް ބަދަލުވިފަހުން ފަމީނޯގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދަނީ މި ސީޒަނުގައެވެ. އެގޮތުން މި ސީޒަނުގައި ފަމީނޯ 27 ގޯލު ކާމިޔާބުކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.

މި ސީޒަނުގައި ދައްކަމުންދާ މޮޅު ކުޅުމާއެކު އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ފަމީނޯ ހިމެނުނެވެ. އެ އެވޯޑު ލިބުނީ ފަމީނޯ އާއެކު ލިވަޕޫލް އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު އަށެވެ.

ފަމީނޯ އާއި ލިވަޕޫލްގެ ހުރިހާ ވެސް ވިސްނުމެއް މިވަގުތު ހުރީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-5 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ.