ކޮވިޑް-19 އާ ގުޅިގެން މީގެ މަހެއްހާ ދުވަސް ކުރިން މެދުކަނޑާލި ނެދަލެންޑްސްގެ ފުޓްބޯޅަ ލީގު އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ކެންސަލް ކޮށްފިއެވެ.

ނެދަލެންޑްސްގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގެ ސަރުކާރުން ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ގިނަ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އިޖުތިމާއީ އަދި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައެވެ.

ސަރުކާރުގެ މި ނިންމުމާއެކު ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔުއެފާގެ ލަފާގެ މަތިން އެ ގައުމުގެ ފުޓްބޯޅަ ލީގު ކެންސަލް ކުރުމަށް ނިންމައިފައެވެ. މިއީ އެ ލީގު 1956 ވަނަ އަހަރު ފެށި ފަހުން ޗެމްޕިއަނެއް ކަނޑަނޭޅި ދިޔަ ފުރަތަމަ ފަހަރެވެ.

ނެދަލެންޑްސް ފުޓްބޯޅަ ލީގު މެދުކަނޑާލި އިރު، ތާވަލުގެ އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސްއެވެ. ދެވަނައިގައި އޮތް އޭޒެޑް އަލްކަމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވީ ނަމަވެސް އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ފުޓްބޯޅަ ސީޒަން ކެންސަލް ކުރުމުން މި ސީޒަނުގެ ލީގް ޗެމްޕިއަންގެ އިތުރުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ ޓީމުތަކެއް ވެސް ކަނޑައަޅާފައެއް ނުވެއެވެ. އެއްވެސް ޓީމެއް ރެލިގޭޓްނުވާތީވެ، ދެ ވަނަ ޑިވިޝަނުން އެއްވެސް ޓީމެއް ޕްރޮމޯޓެއް ވެސް ނުވާނެއެވެ.

ލީގު މެދުކަނޑާލި އިރު ތާވަލު އޮތް ގޮތަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުގައި ވާދަކުރާނީ އެއްވަނައިގައި އޮތް އަޔަކްސް އާއި ދެވަނައިގައި އޮތް އޭޒެޑް އަލްކަމާއެވެ. އަދި ތިންވަނައިގައި އޮތް ފެޔަނޫޑް އަށް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ޕީއެސްވީ އާއި ފަސްވަނައިގައި އޮތް ވިލެމް ވާދަކުރާނީ ޔުރޮޕާ ލީގު ކޮލިފިކޭޝަނުގައެވެ.

ނެދަލެންޑްސް ލީގަކީ ސީޒަން ކެންސަލްކުރި ޔޫރަޕުގެ މަތީ ފަންތީގެ ފުރަތަމަ ލީގެވެ. ޔުއެފާ އިން ވަނީ ހާލަތު ތަން ނުދޭ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ނިންމައިފައެވެ.

ނެދަލެންޑްސް އިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް އެގައުމުން މި ބަލީގެ 34000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4000 އަށް ވުރެ މައްޗަށް އަރައިފައެވެ.