ކޮވިޑް-19 އާ ގުޅިގެން ޕްރިމިއާ ލީގު މެދުކަނޑާލި ފަހުން ފުރަތަމަ ފަހަރަށް އާސެނަލްގެ ފަރިތަކުރުންތައް ފަށަން ތައްޔާރުވެއްޖެއެވެ.

އާސެނަލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހު ކްލަބުގެ ފަރިތަކުރުންތައް އަލުން ފަށާނެއެވެ.

ނަމަވެސް ޕްރެކްޓިސްތަކާއި ޓްރެއިނިންގް އާއި ގުޅިފައިވާ އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދާނީ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް އާސެނަލްގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ސޯޝަލް ޑިސްޓެންސިންގެ އުސޫލާ އެއްގޮތަށް ކުޅުންތެރިން ދަތުރު ކުރާއިރު އަދި ފަރިތަކުރުންތައް ގެންދާއިރުވެސް ގައި ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށާއި ޕްރެކްޓިހަށް ދަނޑަށް ވަންނަން ހުއްދަ ދެވޭނީ ފަހަރަކު ބަޔަކު، ވަކި އަދަދަކަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ވައިރަސް ޔޫރަޕާ ހަމައަށް ފޯރައި ނުރައްކާތެރި ބަލިމަޑުކަމަކަށް ބަދަލުވުމާއި ގުޅިގެން އިނގިރޭސި ލީގު މެދުކަނޑާލަން އެގައުމުގެ އެފްއޭ އިން ނިންމީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި މަހުގެ ކުރީކޮޅު ލީގު އަލުން ފެށުމަށް ތާވަލު ކުރި ނަމަވެސް އެ ކަން ކާމިޔާބެއް ނުވެއެވެ.

މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް އޮތީ ކަނޑަނޭޅިއެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރު ވަމުން އަންނާތީ އިނގިރޭސި އެފްއޭ އިން އެންމެ ފަހުން ނިންމާފައިވާ ގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ. އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން 8 ގައި ފަށައި ޖުލައި 27 އަށް ލީގު އެއްކޮށް ފުރިހަމަކުރަން އެފްއޭ އިން އަންނަނީ މަސަތްކަތް ކުރަމުންނެވެ.

ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ ގިނަ ޓީމުތަކަށް ބާކީ އޮތީ ނުވަ މެޗެވެ. ތާވަލުގެ އެއް ވަނައިގައި، 82 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.