ބޭނުންވަނީ ސްޓީވެން ޖެރާޑު ގޮތަށް ކްލަބުގެ ލެޖެންޑަކަށް ވާން ކަމަށް ލިވަޕޫލްގެ ޒުވާން ތަރި ހާވޭ އެލިއޮޓް ބުނެފިއެވެ.

އުމުރުން އަދި އެންމެ 17 އަހަރުގެ އެލިއޮޓްގެ ސަމާލުކަން މީޑީއާ އަށް ލިބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ފުލަމް އާއި ވުލްވްސް ބައްދަލުކުރި ލީގު މެޗުގައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެތިން މިނެޓަށް ވެފައި ވަނިކޮށް ބެންޗުން ކުޅެން އެރި އެލިއޮޓް އަކީ މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެ މެޗު ކުޅުނުއިރު އޭނާގެ އުމުރަކީ އެންމެ 16 އަހަރާއި 30 ދުވަހެވެ.

މިދިޔަ ސީޒަނުގައި ތާވަލުގެ 19 ވަނައިގައި އޮވެ ނިންމާލި ފުލަމް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް އެލިއޮޓްގެ ނަސީބު ހިފީ ލިވަޕޫލުން 6.5 މިލިއަން ޕައުންޑްގެ ފީ އަކަށް އޭނާގެ ސޮއި ހޯދުމުންނެވެ. ލިވަޕޫލާ ގުޅުމަށްފަހު އެ ޓީމުގެ ޒުވާން ޓީމުގެ ތެރެއިން ތަމްރީން ވަމުން އައިސް އެލިއޮޓް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަނެއްކާވެސް ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. މިފަހަރު އޭނާ ވެފައިވަނީ ލިވަޕޫލްގެ ތާރީހުގައި އެ ކްލަބަށް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާ މި ޝަރަފް ހޯދީ ކަރަބާއު ކަޕްގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގެ އެމްކޭ ޑޮންސްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައެވެ.

ލިވަޕޫލާ ގުޅުމަށްފަހު މިސީޒަނުގައި މިހާތަނަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ހަތް މެޗު ކުޅެދީފައިވާ އެލިއޮޓް އަށް އެ ކްލަބުގައި ކާމިޔާބު މުސްތަގްބަލެއް އޮތް ކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާ ބުނީ އަމާޒަކީ ކްލަބާއެކު ވީހާވެސް ގިނަ ކާމިޔާބީތަކެއް ހޯދައި ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ގޮތަށް ކްލަބުގެ ލެޖެންޑަކަށް ވުން ކަމަށެވެ.

" އަހަރެން ބޭނުން މި ކްލަބާއެކު ހުރިހާ މުބާރާތެއް ވެސް ކާމިޔާބުކުރަން. ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް. ޖެރާޑް ފަދައިން ކްލަބުގެ ލެޖެންޑަކަށް ވުމަކީ ވެސް އަހަރެންގެ އުއްމީދެއް. އަހަރެންގެ ފަރާތުން މި ޓީމަށް ވެވެން އޮތް އެހީތެރިކަމެއް އަހަރެން ދޭނަން. އެކަމަކު އެ ފެންވަރަށް ދިއުމަށް އަދި ވަރަށް ގިނަ މަސަތްކަތްތަކެއް ކުރަން އެބަ ޖެހޭ. އަހަންނަށް ހީވާގޮތުން ގޭމުގައި ގިނަ ގޯލުތަކެއް ޖަހާލަނިކޮށް މިކަމަށް ފުރުސަތު ހުޅުވިގެންދާނެ. އަހަންނަކީ ޓީމް ޕްލޭޔަރެއް ބޮޑަށް. އަމިއްލަ އަށް ޖެހުމުގެ ބަދަލުގައި އެހެން ކުޅުންތެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދެވޭތޯ އަހަރެން ބަލަނީ. އެކަމަކު ބައެއް ފަހަރު އެބަޖެހޭ ތަންކޮޅެއް އަމިއްލަ އެދުން އިސްކުރަން ވެސް. އެކަމަށް މަސަތްކަތް ކުރާނަން، " އެލިއޮޓް ބުންޏެވެ.

ލިވަޕޫލްގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ނަމަވެސް އެލިއޮޓް ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގަށް އެ ކްލަބުން އެކުލަވާލި 22 ކުޅުންތެރިންގެ ލިސްޓުން ވެސް ޖާގަ ހޯދައިފައެވެ.