ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައި އޮތް ނަމަވެސް އާންމު ހާލަތަށް ގައުމު ބަދަލުވަން ދެން ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައި ތިބި މީހުން ފެންނަން ފެށުމާ އެކު، ފުޓުބޯޅަ ސީޒަން ސަސްޕެންޑް ކުރީ މާޗު މަހުގެ ތެރޭގައެވެ. އޭރުގައި ލީގު މެޗުތައް ކުރިއަށް ދިޔަ އިރު، މުހިއްމު ދެ މުބާރާތެއް ނުނިމި އޮތެވެ. އޭގެ އިތުރުން އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ޓީމެއް ދިޔައީ ވާދަކުރަމުންނެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުގެ ސަބަބުން ވަކި މުއްދަތެއް ނެތް ގޮތަށް ސީޒަން ވަނީ މެދުކަނޑާލައިފައެވެ.

ބައްސާމް ހުރިހާ ކުޅުންތެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސީޒަން ކެންސަލްކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންނާއި، މި އެސޯސިއޭޝަންގެ މުވައްޒަފުންގެ އިތުރުން އާއިލާތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ބައްސާމް ވިދާޅުވި ގޮތުގައި މިވަގުތު ހުރިހާ އެންމެން ވެސް ވިސްނަންވީ ޕޮޒިޓިވްކޮށެވެ.

އަދި ކޮންމެ މީހަކީ ވެސް ތަފާތު ދެއްކޭނެ މީހެއް ކަމަށާއި މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ބައްސާމް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފީފާއިން 500،000 އެމެރިކާ ޑޮލަރު ދޭން ވަނީ ނިންމައިފައެވެ.

ފީފާއިން ވަނީ، މި މަރުހަލާގައި ފީފާއިން ދޫކުރާ އެފައިސާ ހަރަދު ކުރަން ޖެހޭނެ ގޮތްވެސް ކަނޑައަޅާފައެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ހާލަތު ފޫބެއްދުމުގެ ގޮތުން މެންބަރު އެސޯސިއޭޝަންތަކުން އެހެން ފަރާތްތަކަށް ދައްކަން ޖެހިފައިވާ ފައިސާ ދެއްކުމަށާއި ތަނުގެ އިދާރީ ހިންގުމުގެ ހަރަދުތަކަށް ފައިސާ ބޭނުން ކުރުމަށް ވަނީ އެދިފައެވެ. އަދި ފައިސާ ހަރަދުވެފައިވާ ގޮތުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށްވެސް ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮން ބަބުރު ސޮރު

    ކަލޯ ކަންބޮޑު ނުވޭ! މުޅި ދުނިޔެ މިދަނީ ފިޓުކޮއް ތިބޭނެ ދުވަސް ކޮޅެއް، ލައްކަ ދުވަސް
    ވަންދެން އިއްޕެ ޖެހެގިން އުޅެވިއްޖެ. ﷲ ވ މޮޅަށް ކަންތަށް ރާއްވަވާ.