ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ޖޯސޭ މޮރީނިއޯ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭތީ އެކަމާ ފަހުރުވެރިވާ ކަމަށް އެ ކްލަބުގެ ގޯލްކީޕަރު ހޫގޯ ލޯރިސް ބުނެފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ފަސް އަހަރަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށްފަހު އެ މަގާމަށް ޕޯޗުގަލްގެ މޮރީނިއޯ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ޓޮޓެންހަމުން މޮރީނިއޯ އަށް ދިނީ ބޮޑެތި އުއްމީދުތަކާއެކުއެވެ. ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ޕޮޗެޓީނޯގެ އިރުޝާދުގެ ޓޮޓެންހަމުން ލީގުގައި އާއި ޔޫރަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް މި ސީޒަނުގައި އެ ޓީމު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ. އެހެންކަމުން ވެއްޓިފައިވާ އޮތް ބޮޑު ވަޅުގަނޑުން ޓޮޓެންހަމް ނެގުމުގެ މަސަތްކަތް އެ ކްލަބުން ހަވާލުކުރީ ވިއްސަކަށް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މޮޅު ކޯޗަކާއެވެ.

ފުޓްބޯޅަ ދުނިޔޭގައި މޮރީނިއޯ އަކީ އާ މޫނެއް ނޫނެވެ. އޭނާގެ ފަރާތުން އެތަކެއް ކުޅުންތެރިންތަކެއް ތަމްރީން ވެގެން މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް ކުޅެމުން ދެއެވެ. ކުޅުންތެރިންގެ މެދުގައި އޭނާ އަކީ މަގްބޫލު ކޯޗެކެވެ. މީގެ ދެތިން ދުވަސް ކުރިން ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ވަނީ މޮރީނިއޯ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފައެވެ. ޗެލްސީއާއެކު ދެ އަހަރު ދުވަސް ހޭދަކުރުމަށްފަހު 2007 ވަނަ އަހަރު އެ ކްލަބުގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރުމުން އެ ޓީމުގެ ކުޅުންތެރިން ހިތާމަކުރި ކަމަށް ޓެރީ ބުނެފައިވެއެވެ. ކޮންމެއަކަސް ޓެރީގެ އެ އިންޓަވިއު އިން އެނގުނީ މޮރީނިއޯ އަކީ ކުޅުންތެރިންގެ ލޯބި ހޯދުމުގައި އެފަދަ ދެ ވަނަ އެއް ނެތް ކޯޗެއް ކަމެވެ.

ޓެރީ އަށް ފަހު މޮރީނިއޯ އަށް ތައުރީފްކޮށް މިފަހަރު ވާހަކަ ދެއްކީ ޓޮޓެންހަމްގެ އެއްވަނަ ކީޕަރު ހޫގޯ ލޯރިސްއެވެ. ޔޫރޯ ސްޕޯޓްސްއާ ވާހަަކަ ދައްކަމުން ލޯރިސް ބުނީ މޮރީނިއޯ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭތީ އެކަމާ ފަހުރުވެރިވާ ކަމަށާއި އޭނާ އަކީ ކުޅުންތެރިންނާ ގާތް ގުޅުމެއް ބާއްވާ ކޯޗެއް ކަމަށެވެ.

"އަހަންނަށް އެނގޭ މީޑިއާގައި ކޮންމެ ގޮތަކަށްވެސް ވާހަކަތައް ދެކެވިދާނެކަން. އެކަމަކު މޮރީނިއޯއާއެކު ކޮންމެ ދުވަހަކު ހެން އުޅެލީމަ މި އެނގެނީ އޭނާ އަކީ ކިހާ ރަނގަޅު މީހެއް ކަން. އަހަންނަށް ލިބޭ ފަހުރެއް އެއީ. މޮރީނިއޯ ވަރަށް ގިނަ މޮޅެތި ޓީމުތަކަށް އަދި ކުޅުންތެރިންނަށް އިރުޝާދު ދީފި. އެތަކެއް މުބާރާތްތަކެއް ކާމިޔާބުކޮށް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެއް އޭނާ އަކީ. އެހެންކަމުން ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އޭނާ އާއެކު މަސަތްކަތް ކުރުމަކީ އަބަދުވެސް އާ ކަންތައްތަކެއް ދަސްކުރުމަށް ލިބޭ ފުރުސަތެއް، " ލޯރިސް ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ ހަވަރަކަށް މެޗު ރަނގަޅަށް ދިޔަ ނަމަވެސް އޭގެ ފަހުން އެ ޓީމަށް ވަނީ ނަތީޖާ ނެރުމުގައި ހުރަސްތަކަކާ ކުރިމަތިވެފައެވެ. ކޮރޯނާ ވައިރަހާ ހެދި ޕްރިމިއާ ލީގު މިދިޔަ މަހުގެ 13 ވަނަ ދުވަހު މެދުކަނޑާލި އިރު ޓޮޓެންހަމް އޮތީ 41 ޕޮއިންޓާއެކު ލީގުގެ އަށް ވަނައިގައެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އޮތުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރުމަށް ޓޮޓެންހަމް ކުރަން ޖެހޭ މަސަތްކަތް ވަނީ ދެ ގުނަ ބޮޑުވެފައެވެ.