ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ބަޔާން މިއުނިކް އަދި ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ އަރްޔެން ރޮބެން އަލުން ފުޓްބޯޅަ ކުޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ދުށް އެންމެ މޮޅު އެއް ވިންގް ފޯވަޑް ރޮބެން ކުޅުން ހުއްޓާލީ މިދިޔަ އަހަރުގައެވެ.

މީގެ 19 އަހަރު ކުރިން ނެދަލެންޑްސްގެ ގްރޮނިންގް އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި ރޮބެން އުމުރުން 35 އަހަރުގައި ރިޓަޔާކުރަން ނިންމީ 2018-2019 ވަނަ ސީޒަނަށް ފަހު، އޭނާ ބަޔާން މިއުނިކާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

ބަޔާންގެ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރޮބެން ބުނީ ރިޓަޔާ ކުރިތާ އަދި އަހަރެއް ނުވަނީސް އަލުން ކުޅުމުގެ ތެރެއަށް އަންނަން ވިސްނި ކަމަށާއި މިހާރު ވެސް އެކި ފަހަރު މަތިން އެ ހިޔާލުތައް އަންނަ ކަމަށެވެ.

"ރިޓަޔާމެންޓަށްފަހު ފުރަތަމަ ދުވަސްކޮޅު އެއްވެސް ވަރަކަށް ފުޓްބޯޅަ މަތިން ހަނދާނެއް ނުވޭ. އެކަމަކު އޭގެ ފަހުން ދެން އައި ދުވަސްކޮޅެއް އެނބުރި ކުޅުމުގެ ތެރެއަށް ނުކުންނަން ހިޔާލުކުރި. ހިތަށް އަރާ އަދި ކުޑަކޮށް ކުޅެލާނީ އޭ. މިހާރުވެސް އެ ހިޔާލުތައް އާދޭ. ވައިރަހަށްފަހު ފުޓްބޯޅަ އެނބުރި އައީމަ ނޭނގެ ދެން ވާނެ ގޮތެއް. ފަހަރުގައި އެ ހިޔާލުތައް އަބަދަށް ހުންނާނެ ކަންނޭނގެ އަހަރެންގެ ސިކުނޑީގައި. ކޮންމެއަކަސް އަހަރެން މިއީ އެތްލީޓެއް،" ރޮބެން ބުންޏެވެ.

ނެދަލެންޑްސްގެ ގްރޮނިންގެން އިން ކެރިއަރު ފަށައި އޭގެ ފަހުން އެ ގައުމުގެ ޕީއެސްވީ އެއިންދޯވަން އަށް ކުޅުމަށްފަހު ރޮބެންގެ ސަމާލުކަން އެންމެ ފުރަތަމަ މީޑިއާއަށް ލިބުނީ ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އޭނާ ޗެލްސީ އަށް ކުޅުނު ދުވަސްވަރުއެވެ. ޗެލްސީގައި ތިން އަހަރު ހޭދަކުރުމަށް ފަހު ރޮބެން ދެން ގުޅުނީ ސްޕެއިނުގެ ރެއާލް މެޑްރިޑާއެވެ. އޭގެ ފަހުން ބަޔާނަށް ބަދަލުވެ ކުޅުން ހުއްޓާލަން ދެން އޭނާ ވަނީ އެ ކްލަބުގައި 10 އަހަރު ހޭދަކޮށްފައެވެ.

ރޮބެން ވަނީ އޭނާގެ ކްލަބް ކެރިއަރުގައި 28 ތަށި އުފުލާލައިފައެވެ. އޭގެ ތެރޭގައި ނެދަލެންޑްސްގެ ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ޖަރުމަނު ލީގު ހިމެނެ އެވެ. ވާދަވެރި ބޮރޫޝިޔާ ޑޯޓްމަންޑް ބަލިކޮށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ބަޔާނުން ކާމިޔާބުކުރީ ރޮބެންގެ ބޮޑު ހިއްސާއަކާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޓޭ

    ރޮބެން ގެ އުމުރަށް ބަލާފައި ދާން މިހާރު އެންމެ ރަނގަޅުވާނީ ޗައިނީޒް ލީގު ނުވަތަ ޖަޕަނީޒް ލީގައް. ބޮޑު މުސާރަ ލިބިފައި އެދެ ލީގްގެ އެންމެ މަތީ ފެންވަރުގައި އަދިވެސް ރޮބެން އަށް ކުޅެވޭނެ . އެކަމަކު އުމުރު މަތިވިއަސް އަދިވެސް ޔޫރަޕްގެ ބޮޑެތި ލީގްތަކުގައިވެސް އޭނަ ކުރިން ކުޅުނު ކުޅުން ނުކުޅެވުނަސް ރަނގަޅު ފެންވަރެއްގައި ކުޅޭނެ .