އިންގްލަންޑުގެ ވަރުގަދަ ދެ ކްލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ކްލަބް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ލެސްޓާ ސިޓީގެ މިޑްފީލްޑަރު ވިލްފްރެޑް އެންޑިޑީ ބުނެފިއެވެ.

ލެސްޓާގެ މެދުތެރޭގެ މައިބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ނައިޖީރިޔާގެ އެންޑިޑީ އަކީ މިވަގުތު އިނގިރޭސި ލީގުގައި ކުޅެމުން އަންނަ އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ކޮއްޓުމާއި ނެއްޓުމުގައި އަދި ކުދި ޕާސްތައް ޖެހުމުގައި ތޫނުފިލި އެންޑިޑީ އަކީ ޑިފެންސަށް ވެސް އެހާމެ ވަރުގަދަ ކުޅުންތެރިޔެކެވެ. ކުރު މުސްތަގްބަލެއްގެ ތެރޭ މީޑިއާގެ ސަމާލުކަން ހޯދި އެންޑިޑީ އަކީ މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ގިނަ ކްލަބުތަކެއްގެ ލޯ އަމާޒު ވާނެ އެކަކަށް ވާނެއެވެ.

އުމުރުން 23 އަހަރުގެ އެންޑިޑީ އަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބުތަކުގެ ތެރޭގައި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ. އެހެންނަމަވެސް އޭނާ ހުރީ ލެސްޓާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"އަހަރެމެން މިދަނީ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން. ވަރަށް އުފަލުން މިހިރީ. އަނެއްކޮޅުން ލެސްޓާ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ވަރަށް އަހަރު އެބައޮތް. މި ޓީމުގަ ހުރެގެން އާ ކަންތައްތައް ދަސްކޮށް އަދިވެސް ކުރިއެރޭތޯ މަސަތްކަތް މިކުރަނީ. އެހެންކަމުން އެހެން ކްލަބަކަށް ދިއުމުގެ ބޭނުމެއް ވެސް ނެތް، " އެންޑިޑީ ބުންޏެވެ.

ޕްރިމިއާ ލީގު ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ މިސީޒަނުގައި ނެރެމުން އަންނަ ނަތީޖާތަކުގެ ފަހަތުގައިވާ ކުޅުންތެރިޔަކީ އެންޑިޑީ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮރޯނާ ވައިރަހާ ހެދި މިދިޔަ މަހު ލީގު މެދުކަނޑާލުމާ ހަމައަށް އެންޑިޑީ ވަނީ 29 މެޗު މިސީޒަނުގައި ލެސްޓާ އަށް ކުޅެދީފައެވެ. އޭގެން ގިނަ މެޗުތަކެއްގައި އެންޑިޑީ ތަފާތު ދެއްކި ނަމަވެސް އޭނާ ދެކޭގޮތުގައި ލެސްޓާގެ ނަތީޖާތަކުގެ އަސްލަކީ ކޯޗު ބްރެންޑަން ރޮޖާސްއެވެ.

"މިއީ އަސްލު ކޯޗު ރޮޖާސްގެ އަސަރު. އޭނާ އުޅޭ ފުރަތަމަ އެގާރަ އާއި ބެންޗުގެ ކުޅުންތެރިންގެ އިތުރުން 23 އަހަރުން ދަށުގެ ޓީމު ގޮވައިގެންވެސް. އެހެންކަމުން ކޮންމެ ކުޅުންތެރިޔަކަށްވެސް އޮވޭ ޓީމުން ޖާގަ ހޯދުމުގެ ފުރުސަތު. އޭނާ އަކީ ވަކި ކުޅުންތެރިޔަކަށް ބަލާ މީހެއް ނޫން، " އެންޑިޑީ ބުންޏެވެ.

ލީގު ތާވަލުގެ ތިންވަނައިގައި ލެސްޓާ އޮތީ 53 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 57 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު 25 ޕޮއިންޓްގެ ލީޑަކާއެކު އެއްވަނައިގައި އޮތީ ލިވަޕޫލެވެ.