ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ ޔަގީން ކަމެއް އާޖެންޓީނާގެ ފޯވަޑް ލައުޓަރޯ މާޓިނެޒް އަށް ނެތް ކަމަށް މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ.

އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ލައުޓަރޯ މާޓިނެޒްއަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނަން ހިނގާ އެއް ފޯވަޑެވެ. ދެ ފައިން ވެސް ބޯޅައިގައި ބާރަށް ޖަހާ އަދި ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ވެސް ލިބިފައިވާ މި ކުޅުންތެރިޔާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ އިރު އިޓަލީގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުން މާޓިނެޒް ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ ބާސެލޯނާ އާއި މެންޗެސްޓާ ސިޓީއެވެ.

އުމުރުން 22 އަހަރުގެ މާޓިނެޒްއަކީ ބާސެލޯނާ އިން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ނަމެކެވެ. މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސެލޯނާ އޮތީ އިންޓަ މިލާނަށް ކުޅުންތެރިން ހުށަހަޅަން ތައްޔާރަށް ކަމަށް ވެސް ދާދި ފަހުން ސްޕެއިން އަދި އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މާޓިނެޒް ގެނައުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ނަމަވެސް އޭނާ އަށް އެ ކްލަބުގެ ފުރަތަމަ އެގާރައިން ޖާގައެއް ލިބުން ދުރު ކަމަށް ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ޗައިނާގެ ކްލަބަކަށް ކޯޗުކަން ކޮށްދެމުން އަންނަ ފަބިއޯ ކަޕެއްލޯ ވަނީ ބުނެފައެވެ. ކަޕެއްލޯ ބުނީ ބާސާ އަށް ގޮސް އެޓީމުގެ ބެންޗުގައި އިނުމަށް ވުރެ އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓަ މިލާނުގައި ދެ ތިން އަހަރު މަޑުކޮށް ކުރިއެރުން ހޯދުން މާ ރަނގަޅު ކަމަށެވެ.

"އަހަންނަކީ މާޓިނެޒް ނަމަ އަހަރެން އިންޓަ މިލާނުގަ މަޑުކުރާނަން. ސަބަބަކީ ބާސެލޯނާގެ ޓީމުން ޖާގަ ނުލިބޭނެތީ،" ކުރިން އޭސީ މިލާން، ރެއާލް މެޑްރިޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި ކަޕެއްލޯ ބުންޏެވެ.

އާޖެންޓީނާގެ ރޭސިން ކްލަބުން ވިދާލައި މީގެ ދެ އަހަރު ކުރިން އިންޓައާ ގުޅުނު އުމުރުން 22 އަހަރުގެ މާޓިނޭޒް ވަނީ އެ ކްލަބަށް 66 މެޗުން 25 ގޯލް ޖަހައިދީފައެވެ. އޭނާ އައީ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޮރޯނާ ވައިރަހާ ހެދި ސީޒަން މެދުކަނޑާލި ހިސާބަށް ކުޅުނު 31 މެޗުން މާޓިނެޒް ވަނީ 16 ގޯލު ޖަހައިފައެވެ.

މާޓިނޭޒްގެ ކޮންޓްރެކްޓް އުވާލައިގެން އޭނާ ގެންދާ ނަމަ ބާސެލޯނާ އިން 110 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ހެދި އެވަރުގެ އަދަދެއް ދެއްކިދާނެ ކަމަށް ނުބެލެވޭތީ އިންޓަ އަށް ކުޅުންތެރިން ހުށަހަޅައިގެން ވެސް މާޓިނެޒް ސްޕެއިން އަށް ގެނައުމުގެ މަސަތްކަތް ބާސާ އިން އަންނަނީ ކުރަމުންނެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މާޓިނެޒް އަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ނަމަވެސް އިންޓަ އިން ބުނީ އަންނަ ސީޒަނުގައި ވެސް މި ކުޅުންތެރިޔާ ފެނިގެންދާނީ އެ ޓީމުން ކަމަށާއި މާޓިނެޒްގެ މުސްތަގްބަލް އޮތީ އިންޓާގައި ކަމަށެވެ.

"މާޓިނެޒް އިންޓަ މިލާނުގަ ހުރީ އުފަލުން. އޭނާ އަންނަނީ މި ކްލަބުގައި މޮޅަށް ކުޅެމުން. އޭނާގެ މުސްތަގްބަލް އޮތީ ވެސް މި ކްލަބުގައި. އެހެންކަމުން ކުރިއަށް ސީޒަނުގައިވެސް އޭނާ ފެންނާނީ އިންޓާގެ ޖާޒީގައި. އޭނާ މަޑު ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އިންޓާގެ ނައިބު ރައީސް ހާވިއާ ޒަނޭޓީ ވިދާޅުވިއެވެ.