ކޮވިޑް-19 އާ ހެދި މެދުކަނޑަލާފައިވާ ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފަށާއިރު ރަސްމީ މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރުމުގެ ވަގުތީ ހުއްދައެއް ދޭން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާ އިން ހުށަހަޅައިފިއެވެ.

ފީފާ އިން މި ބަދަލު ހުށަހެޅީ ފުޓްބޯޅަ ލީގުތަކާއި މުބާރާތްތައް އަލުން ފަށާ އިރު ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ސިއްހަތައް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށެވެ. ފީފާ އިން ބުނީ މި ބަދަލު ގެންނަން ހުށަހެޅީ މިވަގުތަށް އެންމެ މުހިއްމީ ކުޅުންތެރިންގެ ސިއްހަތު ކަމަށް ވެފައި ކުޅުންތެރިން ރިސްކަކަށް ލުމަކީ އޮޕްޝަނެއް ނޫންވީމަ ކަމަށެވެ.

އާ ބަދަލާއެކު މެޗެއްގައި މުޅިއެކު ހަ ބަދަލު ގެނައުމުގެ ފުރުސަތު ޓީމުތަކަށް ލިބޭނެއެވެ. އެއީ 90 މިނެޓު ތެރޭ ލިބޭ ފަސް ބަދަލާއި އެއްވަރު ވެގެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހިއްޖެ ހާލަތެއްގައި ލިބޭ އިތުރު އެއް ބަދަލެވެ. އެގޮތުން މި ބަދަލު ތަންފީޒުކުރަން ފީފާ އިން ހުށަހެޅީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށެވެ. މީގެ އިތުރުން 2021 ގެ ޑިސެމްބަރުގެ ކުރިން ކުޅޭ ގައުމީ ޓީމުތަކުގެ މެޗުތަކުގައިވެސް އަމަލުކުރެވިގެންދާނީ މި އުސޫލަށް ކަމަށް ފީފާ އިން ބުނެއެވެ.

"ފުޓްބޯޅަ އަލުން ފަށާއިރު ގިނަ ލީގުތަކާއި މުބާރާތްތަކުގައި އާއްމުކޮށް ކުޅޭ ވަރަށް ވުރެ ގާތްގާތުގައި މެޗުތައް ކުޅެން އެބަޖެހޭ. ފީފާގެ މައިގަނޑު ވިސްނުމަކީ ކުޅުންތެރިންގެ ރައްކާތެރިކަން. މިގޮތަށް ގަވާއިދަށް ބަދަލު ގެންނަން ވިސްނުމުގެ ބޭނުމަކީ އާއްމުކޮށް މެޗުތައް ކުޅޭ ވަރަށް ވުރެ އަވަހަށް ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިއްޖެ ނަމަ އޯވަލޯޑްވެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާނެތީ،" ފީފާގެ ސްޕޯކްސްޕާސަން ބުންޏެވެ.

ފީފާގެ މި ނިންމުން ތަންފީޒުކުރަން ފަށާނީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) ގެ ރުހުން ލިބުމުންނެވެ. އައިއެފްއޭބީ އަކީ ފުޓްބޯޅައިގެ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު އޮންނަ އިދާރާއެވެ.

ކޮރޯނޯވައިރަހުގެ ސަބަބުން ދުނިޔޭގެ ގިނަ ލީގުތަކާއި އެހެނިހެން ފުޓްބޯޅަ މުބާރާތްތައް ވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅުން ފެށިގެން މެދުކަނޑާލާފައެވެ. އަދި، ވައިރަހުގެ ނުރައްކާ ބޮޑުވެ ނެދަލެންޑްސް ލީގު ކުރިއަށް ނުގެންދަން ރަސްމީކޮށް ނިންމާފައިވާއިރު ބެލްޖިއަމްގެ ޕްރޯ ލީގު ވެސް ކެންސަލްކުރަން އެގައުމުގެ އެފްއޭ އިން ވަނީ ނިންމައިފައެވެ. މި ދެ ގައުމުގެ އިތުރުން ލީގު ކެންސަލްކުރުމުގެ މަޝްވަރާތައް މިހާރު ކުރަނީ ސްކޮޓްލެންޑުގައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ޖަރުމަނު ލީގު މެއި މަހުގެ ފުރަތަމަ ހަފުތާގައި އަލުން ފެށޭތޯ މަސައްކަތް ކުރަމުން އަންނައިރު އިޓަލީގެ އެފްއޭ އިން އަންނަނީ އެގައުމުގެ ލީގު އަންނަ ޖޫން މަހުގެ ކުރީކޮޅު ފެށުމަށް މަސަތްކަތް ކުރަމުންނެވެ.