ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރެވާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި، މަހެއްހާ ދުވަހު ހައްޔަރުކޮށްފައި ހުރި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ޖަލުން ދޫކޮށްލީ މީގެ ދެ ހަފުތާ ކުރިންނެވެ. ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ޖަލުން ދޫކޮށްލަން ޕެރެގުއޭގެ ކޯޓަކުން ނިންމީ ބޮންޑުގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދެއްކުމުންނެވެ.

ވަގު ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯގެ ދެބެން ހައްޔަރުކުރީ މާޗް މަހުގެ ކުރީކޮޅެވެ. ޕެރެގުއޭގެ ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މި މައްސަލައިގެ ޓްރަޔަލް ޖެހެންދެން އެ ދެމީހުން ތިބެން ޖެހޭނީ ގޭބަންދުގައެވެ.

ރޮނާލްޑީނިއޯގެ ދެބެންގެ ބަންދަކީ ގަވާއިދާ ހިލާފް ބަންދެއް ކަމަށް އެ ދެމީހުންގެ ވަކީލު ސާޖިއޯ ކުއިރޯޒް ވަނީ މީގެ ކުރިން ތަކުރާރުކޮށް ބުނެފައެވެ. ކުއިރޯޒް ބުނީ ރޮނާލްޑީނިއޯ އަށް ދީފައިވާ ޕާސްޕޯޓަކީ ފޭކް އެއްޗެއް ކަމެއް އޭނާ އަށް ކުރިން ނޭނގޭ ކަމަށެވެ.

ޖަލުން ނިކުތުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ މިފަދަ ދުވަސްކޮޅެއް އަންނާނެ ކަމަށް ދުވަހަކުވެސް ހީ ނުކުރާ ކަމަށެވެ.

" އަހަރެމެން ވަރަށް ހައިރާންވެފަ މިތިބީ އެ ކަރުދާސްތަކަކީ ފޭކް އެއްޗެހި ކަން އެނގުނީމަ. އެކަން އެނގުނު އިރުން ފަށައިގެން މިއަދާ ހަމައަށް އަހަރުމެން މަސައްކަތް ކުރަމުން އައީ ސިސްޓަމަށް ވީހާވެސް ބޮޑަށް އެއްބާރުލުން ދީގެން މިކަން ހައްލު ކުރުމަށް. އެގޮތުން އަހަރުމެންނާ ކުރެވުނު ހުރިހާ ސުވާލުތަކަށް ވެސް ވަރަށް ސީދަލަށް ޖަވާބުދީފަ ހުންނާނީ. ހަގީގަތަށް ބުނާ ނަމަ އަހަރެން ހިއެއް ނުކުރަން މިފަދަ ދުވަހެއް އަންނާނެ ކަމަކަށް. އަހަރެންގެ މުޅި ކެރިއަރުގައި މަސައްކަތް ކުރީ ޕްރޮފެޝަނަލިޒަމްގެ އެންމެ މައްޗަށް ވާސިލްވެ އަހަރެންގެ ފުޓްބޯޅައިން މީހުންނަށް އުފާވެރިކަން ގެނެސްދިނުމަށް، " ރޮނާލްޑީނިއޯ ބުންޏެވެ.

ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ރޮނާލްޑީނިއޯ ވަނީ އެތަނުގައި ބޭއްވި ފުޓްސަލް މުބާރާތެއްގައި ބައިވެރިވެ އޭނާ ކުޅެދިން ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ އުމުރުން މިހާރު 40 އަހަރުގެ ރޮނާލްޑީނިއޯ ވަނީ ބްރެޒިލް އާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފަށައި 2001 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވެ ޖެހިގެން އައި އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާ ކުރުމަށްފަހު ރޮނާލްޑީނިއޯ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވީ 2003 ގަ އެވެ.

އަހުލާގީ މައްސަލަތަކާ އެ ނޫން ވެސް ސަބަބުތަކާ ހެދި ރޮނާލްޑީނިއޯ އަށް ބާސާ ޖާޒީގައި މާގިނަ ދުވަހު އެއް ފެންވަރެއްގައި ކުޅެވޭ ގޮތެއް ނުވެ އެންމެ ފަހުން 2008 ވަނަ އަހަރު ބާސެލޯނާ އިން ވަނީ އޭނާ އިޓަލީގެ އޭސީ މިލާނަށް ވިއްކާލައިފައެވެ. އޭގެ ފަހުން 2011 ވަނަ އަހަރު މިލާން ދޫކޮށްލުމަށްފަހު 2015 ވަނަ އަހަރު ކުޅުން ހުއްޓާލަން ދެން އޭނާ ކުޅެފައިވަނީ ބްރެޒިލް ލީގުގެ އެކި ކްލަބުތަކަށެވެ.