މި އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އިން ކަށަވަރުކޮށްފިއެވެ.

މި ދެ ޓީމަށް ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ކަށަވަރުވީ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން މި ދެ ޓީމު ޖާގަ ހޯދުމާ ގުޅިގެންނެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަަށްދާ ހަތަރު ޓީމަށް ވެސް މިފަހަރު ލިބޭނެއެވެ.

ގްރޫޕް އެކެއްގައި ހިމެނޭ ނިލަންދޫ ސެމީ އިން ޖާގަ ހޯދީ މިއަދު ހަވީރު ހޯޑެއްދޫ އާއި ބައްދަލުކުރި މެޗު 2-8 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްގެންނެވެ. މި މޮޅާއެކު ނިލަންދޫ މިހާރު އޮތީ އަށް ޕޮއިންޓާ އެކު އެ ގްރޫޕްގެ އެއްވަނައިގައެވެ.

މި ގްރޫޕުން ސެމީގެ ޖާގައެއް ދެން ކަށަވަރުކުރާ ޓީމެއް އިނގޭނީ މާދަމާ ސ.ހިތަދޫ އާއި ތ.ތިމަރަފުށި ބައްދަލުކުރާ މެޗަށްފަހުއެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ތިމަރަފުށްޓަށް ސެމީ އަށް ދެވެން އޮތްއިރު ހިތަދޫ އަށް ސެމީއަށް ދެވެން އޮތީ އެ މެޗު ކާމިޔާބުކޮށްގެންނެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ފޯކައިދޫ ސެމީގެ ޖާގައެއް ހޯދީ ހއ. މުރައިދޫގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. ފޯކައިދޫ އޮތީ އެ ގްރޫޕްގެ އެއްވަނައިގައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލް މެޗުތަށް އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭގައެވެ.