ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ނުލިބެނީ ޕްރެކްޓިސް ނުކުރާ ދުވަސްވަރަކަށް ވާތީ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސްގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދު ކުރައްވާ ކަމަށެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ގައުމީ ޓީމުތަކުގައި 328 ކުޅުންތެރިން މިހާރު ވެސް އެބަތިއްބެވެ.

ކުޅުންތެރިންނަށް އެލަވަންސް ދެނީ ޕްރެކްޓިސް ކުރަމުންދާ ގޮތުގެ ހާޒިރީ ބަލައިގެން، އެސޯސިއޭޝަންތަކުން ފޮނުވާ މައުލޫމާތަށް ބިނާކޮށް ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވި ފަހުން، ކުރައްވަން ފެއްޓެވި ކަމެއްގެ ގޮތުގައި މަހްލޫފް ފާހަގަކުރެއްވިއެވެ.

މަހްލޫފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ގައުމީ ޓީމުތަކުގައި އުޅޭ ކޮންމެ ކުޅުންތެރިއަކަށް މަހަކު ކުރިން ދެމުން އައީ 5،000ރ.އެވެ. އެއީ އަންހެން/ފިރިހެން އަދި ވަކި ކުޅިވަރެއް ތަފާތު ކުރުމެއް ނެތިއެވެ.

"އެއްކަމަކީ މިއީ މުސާރައެއް ނޫން. މިއީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ދެވޭ އެލަވަންސެއް. މުސާރައަކީ ދާއިމަށް ދެވޭ އެއްޗެއް،" މަހްލޫފް ވިދާޅުވިއެވެ.

"މިސާލަކަށް ވޮލީ ޓީމުގައި ހުންނަ ކުއްޖަކު މި އަންނަ މަސް އަންނަންވާ އިރަށް ބަދަލު ވެސް ވެދާނެ. އެހެންވީމަ މި ޑިޕެންޑްވެފައި އޮންނަނީ އެމީހުން ކުރާ ޕްރެކްޓިސްތަކާއި އެހެން ކަންކަމަށް. އަޅުގަނޑަށް ހީވަނީ މިކަން ކުޅުންތެރިންނަށް އަދި އެސޯސިއޭޝަންތަކަށް ވަރަށް ރަނގަޅަށް ސާފުވާނެ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ރާއްޖެ އަށް މިހާރު ދިމާވެފައި އޮތީ ހާއްސަ ހާލަތެއްވީމަ، މިކަމުން އަރައިގެންފައި އެސޯސިއޭޝަންތަކާ މަޝްވަރާކޮށްގެން މިކަމުގައި ގޮތެއް ހެދެން އޮތް ކަމުގައިވާ ނަމަ، އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެކަމަކު، މިވަގުތު ޕްރެކްޓިސް ނުކުރާތީ އެލަވަންސް ހަމަޖެއްސެން ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ފުޓްބޯޅަ ޓީމުތަކުގެ ކޯޗުނަށް ދެމުން އައި އެލަވަންސް އަކީ ވެސް ކްލަބުތަކާއެކު ހެދިފައިވާ އެއްބަސްވުމެއްގެ ތެރެއިން ދެވޭ އެއްޗެއް ކަމަށާއި ވުޒާރާއިން ފައިސާ ދޫކުރާނީ ސީދާ ކްލަބަށް ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    ދައުލަތުންދޭންޖެހޭ އެއްޗެއްނުދެވޭއިރު އެހެންމީހުންކައރީ އެލަވަނސް ނުކަންޑައްބުނަން ލަދުގަންނަންޖެހޭނެ

    7
    1
  2. ނަންނުގަތި

    މަޚްލޫފް މުސާރަ ނަގަނީ ކޮން މަސައްކަތެއް ކުރާތީތަ