ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހު އަށް ލިބިއްޖެއެވެ.

ސަލާހު އަށް މި އެވޯޑު ލިބުނުއިރު އޭނާ އާއި އެންމެ ގާތުން މި އެވޯޑު ވާދަކުރީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑެ ބްރައިނާއެވެ. އަދި ތިންވަނަ މަގާމު ލިބުނީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ ކޭން އަށެވެ. މި އެވޯޑް ހޮވުމަށް 400 އަށްވުރެ ގިނަ ނޫސްވެރިން ވޯޓު ދީފައިވެއެވެ.

ސަލާހު ވެގެން ގޮސްފައިވަނީ މި އެވޯޑު ކާމިޔާބުކުރި އެފްރިކާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި އެވޯޑު ސަލާހު އާއި ރަސްމީކޮށް ހަވާލުކުރާނީ މި މަހުގެ 10 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައެވެ.

އެފްޑަބްލިއުއޭ އެވޯޑު ސަލާހު އަށް ލިބުނުއިރު އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް މިހާތަނަށް ކުޅެދިން 48 މެޗުގައި 43 ގޯލު ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި ދައްކަމުންދާ މޮޅު ކުޅުމާ އެކު ސަލާހު އަށް ވަނީ އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައެވެ.

ސަލާހުގެ މޮޅު ކުޅުމާ އެކު 2007 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލާއި ގާތަށް ވެސް ލިވަޕޫލް އިން މިހާރު ވަނީ ޖެހިލާފައެވެ. އެގޮތުން މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އިޓަލީގެ ރޯމާގެ މައްޗަށް ސަލާހުގެ ދެ ގޯލާއެކު 2-5 އިން ލިވަޕޫލް އިން ވަނީ ކުރި ހޯދާފައެވެ.

ރޯމާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މާދަމާ ރެއެވެ.