ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކުރީ މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ބައްދަލުކުރި ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު 2-2 އިން އެއްވަރުކޮށް ދެ ލެގުގެ އެގްރިގޭޓުން 3-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ ރެއާލް އިންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ބަޔާންގެ ޒުވާން ޑިފެންޑަރު ޔޯޝުއާ ކިމިޗް ވަނީ އެޓީމަށް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މާސެލޯ ނަގައިދިން ހުރަހަކުން މެޗުގެ 11 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ރެއާލްގެ މި ގޯލަށްފަހު ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ބަޔާން އިން ކަމަށްވާއިރު މެޗުގެ 34 ވަނަ މިނެޓްގައި ހަމޭސް ރޮޑްރިގޭޒް އަށް ވަނީ ބަޔާން އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދޭން މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ގޯލުގެ ކުރިމަތީ މުޅިން ހުހަށް ހުރެ ރޮޑްރިގޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރެއާލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ބަޔާންގެ ގޯލްކީޕަރު އުލްރައިޗް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލުވެސް ރެއާލް އަށް ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. މިރޭގެ މެޗުގައި ބެންޒެމާ ކާމިޔާބުކުރި ދެ ގޯލާއެކު ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. ފްރާންސް އަށް އުފަން ބެންޒެމާ އަކީ ޗެމްޕިއަންސް ލީގުގައި ހަތަރުވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިއާއެވެ.

ބެންޒެމާ މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރެއާލްގެ ލީޑު ފުޅާކޮށްލަން ރޮނާލްޑޯ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ފުދޭވަރަކަށް ހުހަށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ރެއާލް އިން ލީޑު ނެގި ނަމަވެސް ބަޔާން އިން މި ހާފުގައި ވެސް ދިޔައީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ރެއާލް އަށް މީގެކުރިން ކުޅުނު ރޮޑްރިގޭޒް ވަނީ ބަޔާން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ރޮޑްރިގޭޒްގެ މި ގޯލާއެކު ފައިނަލަށް ދަތުރުކުރުމަށް ބަޔާން އަށް ދެން ބޭނުންވެފައި އޮތީ އެންމެ ގޯލެކެވެ.

އެ ގޯލު ކާމިޔާބުކުރުމަށް ބަޔާން އިން މެޗުގެ ފަހު 20 މިނެޓްގައި ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މުލާ އާއި ޓޮލީސޯ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ރެއާލްގެ ކީޕަރު ކޭލާ ނަވާސް ދިފާއުކުރިއިރު ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރޮޑްރިގޭޒް ފޮނުވާލި ހަމަލާ ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން ވަނީ ބްލޮކުކޮށްފައެވެ.

އަދި މެޗުގެ އެންމެފަހު މިނެޓްގައި މުލާ އަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް މުލާގެ ފައިގައި ބޯޅަ ލައްވާނުލުމުން އެ ފުރުސަތު ވަނީ ބޭކާރުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް ދަތުރުކުރިއިރު ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ރެއާލް އިންނެވެ.

މުބާރާތުގެ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ މާދަމާ ރޭ ރޯމާ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލޯ

    ލަަާރި ދީގެން ފައިނަލް ކުޅޭ ބައެއްތީ

    • ސޯދުބެ

      ކަލޯ ތީ ބާސާ ފޭނެއްތަ... އެ ކުދިން ހިތައް ވަރަށް އަސަރުކުރާނެ.. އެކަމްވެސް ހަޖަމް ކޮށްލާ... ލޮލް

  2. ހުސޭނުބޭ

    މަވެސް ރޭގައި ދެކުނިން ބެންޒީމާ ފަހުގޯލް ޖެހިއިރު އެ ބޯޅަ ދޫކޮށްލުމަށް ކީޕަރަށް 100 ޑޮލަރު ދޭތަން.

  3. ރަށްދު

    ރެއާލްމެޑްރިޑް އަށް އެކަނިތަ؟ ލާރިދޭންލިބެނީ އެހެންޓީމްތަކަށް ނުލިބެނީތާދޯ ތިބުނާ ވަށްތަރުގެ ލާރިދޭން ޗެމްޕިއަންސް ލީގުގެތަށި ތިބުނާގޮތުން ކޮންމެފަހަރަކު ޖެހޭނީ އެންމެބޮޑުއަގެއް ހުށައަޅާ ފަރާތަކަށް ދޭންތާދޯ އެހެންވީމަ ބާސިލޯނާއަށް ވެސް އަދި ފުރުސަތު އެބައޮތް