ބާސެލޯނާ އަށް ވުރެ ފިޒިކަލީ ގޮތުން ލިވަޕޫލް މާ ވަރުގަދަ ކަމަށާއި ނަމަވެސް ނަތީޖާ އަނބުރާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ރޯމާގެ މިޑްފީލްޑަރު ރަޖާ ނައިންގޮލާން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރޯމާ އާއި ލިވަޕޫލް ބައްދަލުކުރާ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-5 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ. އެހެންކަމުން މުބާރާތުގެ ފައިނަލަށް ރޯމާ އަށް ދެވެން އޮތީ މިރޭގެ މެޗުގައި އެންމެ މަދުވެގެން ވެސް ތިން ގޯލު ލިވަޕޫލް ކޮޅަށް ޖަހައިގެންނެވެ.

ރޯމާ އިން ކުރަންޖެހޭ މަސައްކަތް މިރޭ ބޮޑުވެފައިވާއިރު މުބާރާތުގެ ސެމީއަށް އެޓީމު ދަތުރުކުރީ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި ބާސެލޯނާ ކޮޅަށް ތިން ގޯލު ކާމިޔާބުކޮށް އެޓީމު ކަޓުވާލުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯމާގެ މިޑްފީލްޑަރު ނައިންގޮލާން ބުނީ ބާސާ ކައިރިން ހޯދިފަދަ ތާރީހީ މޮޅެއް ހޯދަން މިރޭ ވެސް ރޯމާ އިން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ނަމަވެސް އެއީ ކުރަން އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރުމެންނަށް ވެސް އިނގޭ މިއީ ފަސޭހަ ކަމެއް ނޫންކަން. ބާސާ ކޮޅަށް ތިން ގޯލު ޖެހުމަކީ ވެސް ފަސޭހަ ކަމެއް ނޫން. އެކަމަކު އެކަން ވެސް އަހަރުމެން ކުރިން. އަހަރުމެން ޖެހޭނެ މިކަން ކުރެވޭނެ ކަމަށް ގަބޫލުކުރަން. އެކަމަކު އަހަންނަށް ހީވަނީ ބާސާ އަށްވުރެ ލިވަޕޫލް ކައިރީ އެފަދަ ކަމެއް ކުރަން އަހަރުމެންނަށް އަދި މާ އުނދަގޫވާނެހެން. އެއީ ފިޒިލަކީ ގޮތުން ލިވަޕޫލް މާ ރަނގަޅު" ނައިންގޮލާން ބުންޏެވެ.

ފުރަތަމަ ލެގުގައި ހެދުނު ގޯސްތައް މިރޭގެ މެޗުގައި ތަކުރާރުކޮށްގެން ނުވާނެ ކަމަށާއި މެޗު ނިމެންދެން ހުރިހާ ކުޅުންތެރިން ވެސް ކުޅެންޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށްވެސް ބެލްޖިއަމް އަށް އުފަން މިޑްފީލްޑަރު ބުންޏެވެ.

"މިކަހަލަ މެޗެއްގަ ކުޑަކޮށްވެސް ފަރުވާ ކުޑަކޮށްލައިފިނަމަ އިދިކޮޅު ޓީމުން އަހަރުމެންނަށް އަދަބު ދޭނެ. މެޗުގެ 95 މިނެޓް ވަންދެން އަހަރުމެން ތިބެންޖެހޭނީ ވަރަށް ސަމާލުކަން ދީގެން. އޭރު އަހަރުމެންނަށް މި ނަތީޖާ އަނބުރާލެވޭނީ" ނައިންގޮލާން ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ރޯމާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކެވިން ސްޓްރޫޓްމަން އަށް މި މެޗުގައި ނުކުޅެވޭނެއެވެ.

ރޯމާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.