މި ސީޒަނުގެ މެންޗެސްޓަރ ޔުނައިޓެޑްގެ މޮޅު ކުޅުންތެރިއާގެ މަގާމު އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ލިބިއްޖެއެވެ.

މިއީ މި އެވޯޑު ސްޕެއިން އަށް އުފަން ޑެހެއާ ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މީގެކުރިން ޔުނައިޓެޑަށް ކުޅުނު އެއްވެސް ކުޅުންތެރިއަކަށް މި އެވޯޑު ހަތަރު ފަހަރު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެވޯޑާއި ހަވާލުވުމަށްފަހު ޑެހެއާ ބުނީ ޔުނައިޓެޑް ކަހަލަ ބޮޑު ތާރީހެއް އޮތް ޓީމަކަށް ކުޅުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށާއި މިފަހަރު މި އެވޯޑު ލިބޭނެ ކަމަށް އެއްގޮތަކަށް ވެސް އުއްމީދު ވެސް ނުކުރާ ކަމަށެވެ.

"ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅެއް ކަންތައްތައް ދިޔައީ ތަންކޮޅެއް އުނދަގޫ ގޮތަކަށް. އެކަމަކު އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން އަހަރެން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އަހަންނަށް ކުރެވުނު މަސައްކަތާއި އަދި އަމިއްލަ ނަފްސާއި މެދު މިހާރު ފަހުރުވެރިވޭ" ޑެހެއާ ބުންޏެވެ.

އުމުރުން 27 އަހަރުގެ ޑެހެއާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އެގޮތުން ޑެހެއާ ދައްކަމުންދާ މޮޅު ކުޅުމާ އެކު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ. ނަމަވެސް ޔުނައިޓެޑުން އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅޭ ކަމަށް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

ޑެހެއާ ވިއްކާލަން ޔުނައިޓެޑުން ދެކޮޅަށް ހަދާއިރު ރިޕޯޓުތަށް ބުނާގޮތުން ޔުނައިޓެޑުން މިހާރު އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ޑެހެއާ ޔުނައިޓެޑާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށްފަހު ހަމަވާނެއެވެ.

2011 ވަނަ އަހަރު ޑެހެއާ ޔުނައިޓެޑާއި ގުޅުނުއިރު އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 311 މެޗު ކުޅެދީފައެވެ. ޑެހެއާ ވަނީ ޔުނައިޓެޑާ އެކު މިހާތަނަށް ޕްރިމިއަރ ލީގަކާއި އެފްއޭކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.

ޑެހެއާ ޔުނައިޓެޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ސްޕެއިންގެ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ މަގާމު ވެސް އޭނާ މިހާރު ވަނީ ލިބިގެން ގޮސްފައެވެ.