މުޅި އަތޮޅަށް އަމާޒުކޮށްގެން ތ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ވިލިފުށީ ޓީމް ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ފުރަތަމަ މެޗުގައި ވާދަކުރި ހިރިލަންދޫގެ މައްޗަށް ވިލިފުށި ޓީމް ކުރިހޯދީ ތިން ސެންޓު އެއް ސެޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ވައިސް ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) އެވެ.

ތ. އަތޮޅުގެ ހަރަށަކުން 9 ޓީމް ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 5 ޓީމް އަދި އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ.

މި މުބާރާތުގައި ބިދޭސީ ބައެެއް ކުޅުންތެރިންނާއި ދެ ޖިންސްގެ ގައުމީ ވޮލީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދެ އެވެ. އެގޮތުން ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލްލްކަރީމް (ލޯންގޭ) ވެސް ހިމެނެ އެވެ.

މީގެ އިތުރުން އަންހެން ޑިވިޝަންގައި އައިޝަތު މާޖިދާ، އާމިނަތު އަރީޝާގެ އިތުރުން މާޖިދާގެ ދައްތަ ފާތިމަތު މަޒިއްޔާ އަދި މަރިޔަމް އަޒީފާވެސް ހިމެނެ އެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގެ ކުޅުން ހެނދުނާއި ހަވީރު ކުރިއަށް ދާނެއެވެ. މުބާރާތް އިންތިޒާމު ކުރާ ތ. އަތޮޅު ކައުންސިލުން މުބާރާތް ބޭއްވުމުގެ މަގުސަދަކީ އެ އަތޮޅުގައި ވޮލީ ކުރިއަރުވައި ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ، އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.