މެދުކަނޑާލާފައި އޮތް ސްޕެނިޝް ލީގްގެ ފަސް ކުޅުންތެރިޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ލަލީގާ އިން ބުނެފިއެވެ.

ލަލީގާގެ ކުޅުންތެރިންތަކެއް މި ބައްޔަށް ފައްސިވެފައިވާކަން ހާމަވެފައި ވަނީ، އަންނަ މަހުގެ ތެރޭގައި މެޗުތައް ފެށުމަށް ތައްޔާރުވެ ކްލަބްތަކުގެ ކުޅުންތެރިންނާއި އެނޫންވެސް މެމްބަރުން ކޮވިޑް-19 އަށް ޓެސްޓު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ލަލީގާ އިން ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ފައްސިވި ފަސް ކުޅުންތެރިން މިހާރު އެކަހެރިކޮށްފައި ވާކަމަށާއި، އެ ކުޅުންތެރިންގެ ޓްރެއިނިންގް ކުރިޔަށްދާނީ ވަކިވަކިން (އިންޑިވިޖުއަލް) ކޮށް ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ކްލަބްތަކުގެ ޓްރޭނިންގް ގްރައުޑްތަކަށް ނިކުމެވޭނީ، ކުރިޔަށް އޮތްތަނުގައި ބަލިހާލަތަށް ބަލައި، އިތުރު ޓެސްޓުތަކެއް ހެދުމަށްފަހު ކަމަށް ލަލީގާއިން ބުނެފައި ވެއެވެ.

ފަސް ކުޅުންތެރިއަކު ކޮވިޑް-19 އަސް ފައްސިވެފައިވާކަން ލަލީގާއިން ހާމަކޮށްފައިވީނަމަވެސް، އެއީ ކޮން ކުޅުންތެރިންނެއް ކަމެއް، ނުވަތަ އެ ކުޅުންތެރިންނާއި ބެހޭ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ލަލީގާގެ ކުޅުން ފެށުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާއިރު، އެކަމަށްޓަކައި އަމަލު ކުރަމުންދަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިޔަށްދަނީ ވަކިވަކި ކުޅުންތެރިންގެ އިންޑިވިޖުއަލް ޓްރޭނިން ކަމަށް ލީގުން ބުނެއެވެ.

ބާސެލޯނާ ހިމެނޭހެން ލަލީގާގެ ގިނަ ކްލަބްތަކުން މިހާރު ޓްރޭނިން ފަށައިގެން ކުރިޔަށްދާއިރު، ރެއާލް މެޑްރިޑް ވެސް، ދެމަހުގެ ބްރޭކަކަށްފަހު އިއްޔެ ޓްރޭނިންގް ފަށާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ލަލީލާގެ މެޗުތައް އަލުން ފެށޭނޭ ސީދާ ތާރީޚެއް ސްޕެއިންގެ ސަރުކާރުން ވެސް އަދި ސްޕެނިޝް ލީގުގެ ފަރާތުންވެސް އަދި ހާމަކޮށްފައި ނުވާއިރު، ބައެއް ކްލަބްތަކުގެ އޮފިޝަލުން ބުނެފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު މެޗުތައް ކުޅެން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. މި މެޗުތައް ކުޅެން ފެށިނަމަވެސް، މެޗުތައް ބަލަން ސަޕޯޓަރުން ނުވައްދާނެއެވެ.