ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޭޑަން ސާންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އަދި މާ އަވަސް ކަމަށް ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ޑިމިޓާ ބާބެޓޮވް ބުނެފިއެވެ.

ޑޯޓްމަންޑުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނިގެން މޮޅަށް ކުޅެމުން އަންނަ ސާންޗޯ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅަ މީޑީއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވާ އެއް ކުޅުންތެރިޔާއެވެ. 20 އަހަރުގެ މި ކުޅުންތެރިޔާ އަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ލޯ އަމާޒުވެފައިވާއިރު އޭނާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން މި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ސާންޗޯ އިންގްލަންޑަށް ގެނެވޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑަށް އެބައޮތެވެ. އިނގިރޭސިވިލާތުގެ ނޫސް މަޖައްލާއެއް ކަމަށްވާ "މިރާ" ގައި ވާ ގޮތުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑަށް ލިބިއްޖެނަމަ ސާންޗޯ އެޓީމަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޔުނައިޓެޑް މިވަގުތު އޮތީ 45 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. އެޓީމާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެ ހާލަތެއްގައި މިސީޒަނުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. ޔުނައިޓެޑުން ވަނީ ޔުރޮޕާ ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އޮސްޓްރިއާގެ ލަސްކްއާ ދެކޮޅަށް އެ ގައުމުގައި ކުޅެ 5-0 އިން ފުރަތަމަ ލެގު ކާމިޔާބުކޮށްފައެވެ.

އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކޯޗު އޮލެ ގުނަ ސޯލްޝެއާ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ މަތީގައި އޮތީ ސާންޗޯއެވެ. ސާންޗޯ ހޯދުމުގެ މަސަތްކަތް ޔުނައިޓެޑުގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އާއި ލިވަޕޫލުން ވެސް އަންނަނީ ކުރަމުންނެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި 14 ގޯލު ޖަހައިދީ އިތުރު 15 ގޯލު ޖެހުމުގައި އެހީތެރިވެދީފައިވާ ސާންޗޯ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގު ބޮޑު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ އަގު މާކެޓުގައި އުޅެނީ 130 މިލިއަން ޕައުންޑުގައެވެ.

ސާންޗޯ ގަތުމަށް ޔުނައިޓެޑުން ކެނޑިނޭޅި މަސަތްކަތް ކުރަމުން އަންނަ ނަމަވެސް އެ ކްލަބުގެ ކުރީގެ ފޯވަޑް ބަލްގޭރިއާގެ ޑިމިޓާ ބާބެޓޮވްގެ ނަޒަރުގައި އަދި އިނގިރޭސި ޒުވާން މިޑްފީލްޑަރު އޯލްޑް ޓްރަފޯޑަށް ބަދަލުވާން މާ އަވަހެވެ.

"ސާންޗޯ ޖަރުމަނަށް ބަދަލުވީ ވަރަށް ޒުވާން އުމުރެއްގަ. ސިޓީ އިން އޭނާ އަށް ފުރުސަތެއް ނުލިބުނީމަ އޭނާ އަށާއި އޭނާޖެ އޭޖެންޓަށް ވިސްނުނު ފުރުސަތު ލިބޭނެ ތަނަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް. ޑޯޓްމަންޓުގަ މޮޅަށް ކުޅެ މިހާރު ބޮޑެތި ކްލަބުތަކުން ސާންޗޯ ފަހަތުން އެ ދަނީ. އެކަމަކު އަހަރެންގެ ނަޒަރުގައި މިއީ އަދި އެންމެ ރަނގަޅު ވަގުތެއް ނޫން އޭނާ ޔުނައިޓެޑަށް ބަދަލުވާން. ޔުނައިޓެޑުގަ ރަޝްފޯޑު، މާޝަލް އަދި ޑެނިއެލް ޖޭމްސް ވެސް އެބައުޅޭ. ކޮމްޕެޓިޝަނަކީ ރަނގަޅު އެއްޗެއް އެކަމަކު އަހަންނަށް ހީވާގޮތުން ސާންޗޯ ބޭނުންވާނެ އާ ކްލަބަކަށް ބަދަލުވެފަވެސް އަބަދު ކުޅެން. އެކަމަކު މިހާރު ރޮޓޭޝަނަކީ ވަރަށް އާއްމު ކަމެއް ފުޓްބޯޅައިގަ. އެހެންކަމުން އަހަންނަށް ފެންނަ ގޮތުގަ ސާންޗޯ ބަދަލުވާނީ އޭނާ އަށް ރަނގަޅަށް ކުޅުމުގެ ފުރުސަތު ލިބޭނެ ޓީމަކަށް. އާ ކްލަބަކަށް ބަދަލުވެ ނުކުޅެ ބެންޗުގައި އިނދެ އޭނާގެ ޑިވެލޮޕްމަންޓަށް އޭގެ ނޭދެވޭ އަސަރު ކުރާކަށް އޭނާ ވެސް ބޭނުމެއް ނުވާނެ. އެހެންވެ މިބުނަނީ އަދި މަދުވެގެން އެއް އަހަރު ޑޯޓްމަންޑުގައި މަޑުކުރަން ސާންޗޯ އަށް ރަނގަޅޭ،" ބާބެޓޮވް ބުންޏެވެ.

ޔޫތު ކެރިއަރު ވެޓްފޯޑުން ފެށި ސާންޗޯ މެންޗެސްޓާ ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވެ އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައި އިނގިރޭސި ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުންނެވެ.