ކްލަބުގައި ކޭން ބަހައްޓަން ބޭނުންނަމަ ޓޮޓެންހަމުން މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ކަޓައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޓޮޓެންހަމަށް ޖާގަ ނުލިބުމުގެ ބިރު ބޮޑުވެފައިވުމާއެކު ކްލަބުގެ އެއްވަނަ ފޯވަޑް ހެރީ ކޭން ޓޮޓެންހަމް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމުގެެ އަޑުތައް ވަނީ ފަހަކަށް އައިސް ވަރަށް ގަދަވެފައެވެ.

ކްލަބް ދޫކޮށް ދިއުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކޭން ބުނީ އޭނާގެ އަމާޒަކީ ކެރިއަރުގައި ވީހާވެސް ގިނަ ތަށިތަކެއް ކާމިޔާބުކުރުން ކަމަށެވެ. އަދި ޓޮޓެންހަމުން މުބާރާތަކުގައި ރަނގަޅު ވާދައެއް ނުކުރާނަމަ އެ ކްލަބުގައި މަޑުކުރުމުގެ މާނައެެއް ނެތް ކަމަށާއި ކުޅެން ބޭނުންވަނީ ތަށިތައް ކާމިޔާބުކުރެވޭ ފެންވަރު ހުރި ކްލަބަކަށް ކަމަށް ބުންޏެވެ.

ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވިދާޅުވީ 200 މިލިއަން ޔޫރޯ ހުށަހަޅާ ކްލަބަކަށް ކޭން ވިއްކާލާނެ ކަމަށާއި އިސްކަން ދޭނީ ކްލަބު ދަރަނިވެރިވުމުން ސަލާމަތް ކުރުމަށް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ފުޓްބޯޅަ ދަނޑު ހެދުމަށް ޓޮޓެންހަމުން ނަގާފައިވާ ލޯނުގައި އަދި ބާކީ ނުދައްކާ 637 މިލިއަން ޕައުންޑް އެބަހުއްޓެވެ. ލެވީ މިހެން ވިދާޅުވި ނަމަވެސް ޓޮޓެންހަމުން ކޭން އެހާ ފަސޭހައިން ވިއްކާނުލާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނީ ކޭން ކްލަބުގައި ބަހައްޓަން ބޭނުންނަމަ ޓޮޓެންހަމުން އިސްކަން ދޭންވީ އަގުބޮޑު ކޮންޓްރެކްޓެއް އޭނާ އަށް ހުށަހަޅަން ނޫން ކަމަށާއި މަސަތްކަތް ކުރަންވީ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ކަމަށެވެ.

" ފޭނެއްގެ ހައިސިއްޔަތުން އަހަރެން ބޭނުމެއް ނޫން ކޭން އެހެން ތަނަކަށް ދާން. އަހަރެން ބޭނުންވަނީ އޭނާ ޓޮޓެންހަމުގައި މަޑުކުރަން. އެކަމަކު އަހަރެމެން ހަގީގަތް ބަލަން އެބަޖެހޭ. މިހާރު ކުޅުންތެރިންނަށް އާމްދަނީ އެބަ ލިބޭ އެމީހުން ކުޅުން ހުއްޓާލާ ދުވަހަކުންވެސް ފައިސާ އަށް ނުޖެހި ތިބެވޭ ވަރަށް. އެކަމަކު ރިޓަޔާ ކުރާ ދުވަހަކުން އެނބުރި ފަހަތަށް ބަލާއިރު ކެރިއަރުގައި ހާސިލްކުރެވުނީ ކޮންކަމެއްތޯ ބަލާއިރު އެ ކަންތައްތައް ރަމްޒުކޮށްދޭން ހުންނަނީ މެޑަލްތަކާއި ތަށިތައް. ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނީ މިގޮތް. ޓޮޓެންހަމުން ކޭންގެ އަމާޒުތައް ހާސިލްކޮށްދިނުމުގައި އެހީތެރިވެދޭނަމަ އޭނާ އެ ކްލަބުގައި އުފަލާއެކު މަޑުކުރާނެ. އެކަމަކު އެހެން ކަންތައް ނުވެއްޖެނަމަ އޭނާ ވެސް ބޭނުންވާނެ ތަށިތައް ކާމިޔާބުކުރެވޭނެ ފަދަ ކްލަބަކަށް ބަދަލުވާން، " ފާޑިނަންޑް ބުންޏެވެ.

ދެފައިން ވެސް ބާރަށް ބޯޅައިގަ ޖަހާ އަދި ގޯލާ ރައްޓެހި ކޭން އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވަޑުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ޓޮޓެންހަމް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކާއެކު އިންގްލަންޑުގެ ވަރުގަދަ ކްލަބުތައް ވަނީ އެލާޓަށް އައިސްފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން ވެސް އަންނަނީ 26 އަހަރުގެ ކުޅުންތެރިޔާ އަށް ފާރަލަމުންނެވެ.

އިނގިރޭސި ފޯވަޑް ކޭން މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. ކޭންގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ