11 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރޯމާ އަތުން 2-4 އިން ބަލިވެ ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 6-7 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-5 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ.
ރޯމާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ނުވަ ވަނަ މިނެޓްގައި ލިވަޕޫލް އިން ވަނީ ލީޑު ނަގާފައެވެ. ފަމީނޯ ދިން ޕާހަކުން މި ރޯމާގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ލިވަޕޫލް އަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. ނަމަވެސް މެޗުގެ 15 ވަނަ މިނެޓްގައި ރޯމާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ، މި ގޯލަކީ ލިވަޕޫލްގެ ޖޭމްސް މިލްނާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ރޯމާ އިން މި ގޯލު ކާމިޔާބުކުރި ނަމަވެސް ކައުންޓަ އެޓޭކުގައި ލިވަޕޫލް އިން ދިޔައީ ރޯމާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓްގައި މާނޭ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރޯމާގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.
އެ ފުރުސަތުގެ ބޭނުން މާނޭ އަށް ނުހިފުނު ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ވައިނަލްޑަމް ވަނީ ލިވަޕޫލް އަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. ވައިނަލްޑަމް މި ގޯލު ކާމިޔާބުކުރީ ރޯމާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ލިވަޕޫލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި އެޑިން ޒެކޯ ވަނީ ރޯމާ އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ރޯމާ އިން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު އެޓީމުން ފޮނުވާލި ހަމަލާތަށް ލިވަޕޫލްގެ ކީޕަރު ކަރިއުސް އާއި އެޓީމުގެ ޑިފެންޑަރުން ދިޔައީ ދިފާއުކުރަމުންނެވެ.
ނަމަވެސް މެޗުގެ 86 ވަނަ މިނެޓްގައި ރަޖާ ނައިންގޮލާން ވަނީ ރޯމާ އަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރޯމާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ނައިންގޮލާންއެވެ. މި ގޯލަށްފަހު ވެސް މުބާރާތުގެ ފައިނަލަށް ދިޔުމަށް ރޯމާ އަށް އިތުރު ދެ ގޯލު އޮތީ ބޭނުންވެފައެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރެފްރީ ވަނީ މެޗުގެ ކުޅުން ނިންމާލާފައެވެ.
މިއީ 2007 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ.
ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
ލިވަޕޫލް ޗެމްޕިއަންސްލީގުގެ ފައިނަލަށް ދިޔައީމަ ޖޭވިމީހަކު އުޅޭބާ
އިތުރު 2ގޯލު ޖަހައިގެން ރޯމާ ފައިނަލަށް ދާނީ.