ޗެމްޕިއަންސް ލީގުގައި ވީޑިއޯ އެސިސްޓަންޓް ޓެކްނޮލޮޖީ (ވީއޭއާރް) ބޭނުން ކުރާނަމަ މިފަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅޭނީ ރޯމާ އާއި ބަޔާން މިއުނިކް ކަމަށް ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ވިދާޅުވެއްޖެއެވެ.

މޮންޗީ މިހެން ވިދާޅުވެފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ލިވަޕޫލް އާއި ރޯމާ ރޭ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ. އެ މެޗުން 2-4 އިން ރޯމާ މޮޅުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 6-7 އިން ކުރި ހޯދައިގެން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލިވަޕޫލްއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-5 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ.

ލިވަޕޫލްގެ އާނޯލްޑްގެ އަތުގައި ބޯޅަ ޖެހުން

ރޭގެ މެޗުގައި ރޯމާ އިން އެންމެ ބޮޑަށް މައްސަލަ ޖައްސާފައިވަނީ ދެވަނަ ހާފްގައި ލިވަޕޫލްގެ ޒުވާން ޑިފެންޑަރު އާނޯލްޑްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ޕެނަލްޓީ ނުދިނުމާ ގުޅިގެންނެވެ. މީގެއިތުރުން މުބާރާތުގެ އަނެއް ސެމީގައި ބަޔާން އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގައި ވެސް އެފަދަ ކަމެއް ވަނީ ހިނގާފައެވެ. އެގޮތުން އެ މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅު ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު މާސެލޯގެ އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ބަޔާން އަށް ޕެނަލްޓީ އެއް ދީފައެއް ނުވެއެވެ.

އެ މެޗު 2-2 އިން އެއްވަރުވިއިރު ދެ ލެގުގެ އެގްރިގޭޓުން 3-4 އިން ކުރި ހޯދައިގެން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރެއާލް އިންނެވެ.

މާސެލޯގެ އަތުގައި ބޯޅަ ޖެހުން

ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުން ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންތަށް ޔޫއެފާ އަށް މިދިޔަ ސީޒަނުގައި ވެސް އަމާޒުވިއިރު ރޯމާގެ ސްޕޯޓިކް ޑިރެކްޓަރު މޮންޗީ ވިދާޅުވީ ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުންކުރަންޖެހޭ ކަމަށާއި އެއީ މުހިއްމު ކަމެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުން ނުކޮށް ޔޫއެފާ އިން މަޑުކުރާ ސަބަބެއް އަހަންނަކަށް ނޭނގޭ. އެއީ ޗެމްޕިއަންސް ލީގަށް ބޭނުން އެއްޗެއް. ބައެއް ސަޕޯޓަރުން މަޖަލަކަށް ބުނެފާނެ ވީއޭއާރް ބޭނުން ކުރިނަމަ މިފަހަރު ފައިނަލްގައި ކުޅޭނީ ބަޔާން އާއި ރޯމާއޭ. އެއީ ހަމަ ހަގީގަތުގައި ވެސް ތެދު ވާހަކައެއް" މޮންޗީ ވިދާޅުވިއެވެ.

ލިވަޕޫލް ފައިނަލަށް ދަތުރުކުރުމުން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް ދެ ލެގުގައި ވެސް ކަންތައްތައް ވީގޮތް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށް މޮންޗީ ވިދާޅުވިއެވެ.

"ފުރަތަމަ ލެގުގެ މެޗުގައި ލިވަޕޫލް އިން އަހަރުމެން ކޮޅަށް ޖެހި ތިންވަނަ ގޯލަކީ އޮފްސައިޑް ގޯލެއް. ރޭގެ މެޗުގައި އަހަރުމެންނަށް ލިބެންޖެހޭ ދެ ޕެނަލްޓީ. އަދި ލިވަޕޫލް ކުޅުންތެރިއަކަށް ރަތްކާޑު ވެސް ދައްކަންޖެހޭ. މިއީ "ނޯމަލް" ކަމެއް ނޫން. ޗެމްޕިއަންސް ލީގު ފަދަ ޝަރަފުވެރި މުބާރާތެއްގަ ވީއޭއާރް ބޭނުން ނުކުރާ ސަބަބެއް އަހަންނަކަށް ނޭނގޭ. އަހަންނަށް ހީވަނީ މިކަންކަމާ އިޓަލީގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުން އަޑުއުފުލަން ވެއްޖެހެން" މޮންޗީ ވިދާޅުވިއެވެ.

ވީއޭއާރްގެ ޒަރިއްޔާ އިން މެޗުގައި ހިނގާ ކަމަކާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ނުވަތަ ޓީމަކުން މައްސަލައެއް ޖައްސައިފި ހާލަތެއްގައި ވީޑިއޯ ބަލައިގެން ނިންމުންތައް ނިންމަން ރެފްރީ އަށް ފުރުސަތު ލިބޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބައްޕަ

    ރޯމާގެ ކުޅުންތެރިއެއްގެ އަތުގައިވެސް ޕެނަލްޓީ އޭރިޔާ ތެރެއިން އަތުގަ ޖެހުނު. ޚަބަރު ލިޔާއިރު ދެކޮޅަށްވެސް ބަލައިގެން ލިޔެބަލަ.

    • ޙަޤީގަތް

      ވ.ރަންގަޅު ވާހަކައެއް...

  2. މޭޔަރު

    ތިބުނީ ހަމަ ރަނގަޅައް

  3. ހުސޭނުބޭ

    މި މީހުން ވީއޭއާރު މި ބޭނުންކުރަނީ އެހެން މީހުންގެ ކުށް ހޯދުމަށް އެކަނި. ތި ވީއޭއާރެއް ބޭނުންކުރާނަމަ ރޯމާ އާއި ބަޔާންމިއުނިކް ސެމީއަކަށްވެސް ނާންނާނެ. ފައިނަލް އެއީ މާ ފަހުގެ ކަމެއް.

    • ޙަޤީގަތް

      އަސްލުވެސް ދޯ! އަދި ރެއާލްވެސް ސެމީ އަކު ނުކުޅޭނެއޭރަކުނ

      • ވަރަށް ތެދު

        ތިޔާއީ ތެދު. ރިއަލްއެއް ލިވަޕޫލެއް ކުއަރޓަރ އަށްވެސް ނާންނާނެ

  4. އަޙްމަދު

    ފައިނަލް އެކަނިތަ؟ ކޮބާ ކުއާޓަރ އާއި ރައުންޑް އޮފް 16.