އާސެނަލް އަކީ ނުރައްކާތެރި ޓީމެއް ކަމަށާއި އެކަމާ އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިން ސަމާލުވާންޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރާ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގެ ފެވަރިޓުންނަކީ އެތްލެޓިކޯ ކަމަށް ގިނަބަޔަކު ގަބޫލުކުރާއިރު އެޓީމު ކޯޗު ސިމިއޯނީ ބުނީ އާސެނަލްގައި ތިބީ މޮޅެތި ކުޅުންތެރިންނާއި އަދި މޮޅު ކޯޗެއް ކަމަށާއި އެޓީމުން ކުޅޭ ސްޓައިލަށް ބަލާއިރު ބައެއްފަހަރު ކުޅުންތެރިން މާކު ކުރަން ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"ރަނގަޅު ދުވަހެއްގަ އާސެނަލް އަކީ ވަރަށް ނުރައްކާތެރި ޓީމެއް. އެގޮތުން އޮޒިލްގެ ވިސްނުމާއި ދެ ފަރާތުން ކުޅޭ ކުޅުންތެރިންނާއެކު އާސެނަލްގެ އެޓޭކުތަކަށް އިތުރު ހަލުވި ކަމެއް ގެނެސްދޭ. އަދި ކުރިއަށް ކުޅޭ ލަކަޒެޓް އަކީ ދިގު ކުޅުންތެރިއަކަށް ނުވިޔަސް އޭނާ އަކީ މަތިން އަންނަ ބޯޅަތަކަށް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިއެއް. އަނެއްކޮޅުން އޭނާ އަކީ ވެސް ހަލުވި ކުޅުންތެރިއެއް. ރަނގަޅު ދުވަހެއްގެ އާސެނަލް އަކީ ރީތި ފުޓްބޯޅަ އެއް ކުޅޭ ޓީމެއް" ސިމިއޯނީ ބުންޏެވެ.

މިރޭގެ މެޗުގައި ހުރިހާ ކުޅުންތެރިން ވެސް އެންމެ ރަނގަޅު ކުޅުން ދައްކަންޖެހޭނެ ކަމަށާއި ރަނގަޅު ނަތީޖާ އެއް ހޯދޭނީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށްވެސް ސިމިއޯނީ ބުންޏެވެ.

މުހިއްމު މެޗަކަށް އެތްލެޓިކޯ މިރޭ ނިކުންނައިރު މި މެޗަށް ސިމިއޯނީ ވަނީ ސަސްޕެންޑްވެފައެވެ. އޭނާ މި މެޗަށް ސަސްޕެންޑްވެފައިވަނީ ފުރަތަމަ ލެގުގައި މެޗުގައި ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ބެންޗުން ފޮނުވާލާފައިވާތީއެވެ. އެހެންކަމުން މިރޭގެ މެޗުގައި އެތްލެޓިކޯ އަށް އިރުޝާދު ދޭނީ އެޓީމުގެ އެސިސްޓެންޓް ކޯޗު ޖާމަން ބޫގޯސްއެވެ.

ފުރަތަމަ ލެގުގެ މެޗަށް މުޅިން ފިޓުވެފައި ނުވި ނަމަވެސް މިރޭގެ މެޗަށް އެތްލެޓިކޯގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި އެޓީމުގެ ޑިފެންޑަރު ފިލިޕޭ ލުއިސް ވަނީ ފިޓުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12:05 ގައެވެ.