ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގައެއް ލިވަޕޫލަށް ހައްގު ކަމަށާއި އެހެން ނަމަވެސް ފައިނަލުގެ ޖާގައެއް ލިބުނީ ނަސީބު އެހީވުމުން ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ކުޅުނު މެޗުން ރޯމާ އަތުން 4-2 ގެ ނަތީޖާއިން ބަލިވި ނަމަވެސް، ދެ ލެގުގެ އެގްރިގޭޓަށް ބަލާ 7-6 ގެ ނަތީޖާއިން ކުރިލިބިގެން ލިވަޕޫލް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗަށްފަހު އުފަލުން ހުރެ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އެޓީމަށް ފައިނަލްގެ ޖާގަ ލިބެން ޖެހޭ ކަމަށާއި، އެހެން ނަމަވެސް އެފުރުސަތު ލިބުނީ ރޭގެ މެޗުގައި ނަސީބު އެހީވެގެން ކަމަށެވެ. އަދި ހަމައެފަދައިން ރެއާލް ވެސް ފައިނަލަށް ދަތުރުކުރީ ނަސީބު އެހީވުމުން ކަމަށް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތެއްގެ ފައިނަލަށް ލިވަޕޫލްގެ ގިނަ ކުޅުންތެރިން އަދިވެސް ވަރަށް އާ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ މެންޓާލިޓީއާ މެދު ހިތްހަމަ ޖެހޭ ކަން ކޯޗު ކްލޮފް ވަނީ ބުނެފައެވެ.

މިއީ 2007 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ 2012-2013 ގެ ސީޒަންގައި ބުރޫޝިއާ ޑޯޓުމަންޑާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށް، ފައިނަލްގައި ބަޔާން މިއުނިކް އަތުން ބަލިވެފައެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.