ދިވެހި ދިދައިގެ ދަށުން ދިވެހި ގައުމު ތަމްސީލް ކުރާ ހުރިހާ އެތްލީޓުންވެސް ވާންޖެހޭނީ އަޚުލާގީ ގޮތުން ނަމޫނާ ބަޔަކަށް ކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިރުތިޝާމް އާދަމް މިހެން ވިދާޅުވީ ސްރީލަންކާގައި އޮންނަ ސައުތް އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޖޫނިއަރ އެތްލެޓިކްސް ޓީމާއި ބައްދަލުކުރައްވާ އެފަރާތްތަކަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ފަރުމާކުރެވިފައިވާ ދިވެހި ގައުމީ ދިދަ ބޭރު ގައުމުތަކުގައި ވިހުރުވާލާ ދިވެހި ދިދައިގެ ދަށުން ގައުމު ތަމްސީލްކުރާ ކޮންމެ އެތްލީޓަކުވެސް ވާން ޖެހޭނީ އަހުލާގީ ގޮތުން ނަމޫނާ އެތްލީޓަކަށް ކަމަށާއި، އެހެން ގައުމުތަކުގެ އެތްލީޓުން ބަލައިގަންނަ ފަދަ ބަޔަކަށް ކަމަށެވެ.

އެކަމަނާ ވިދާޅުވީ ގައުމަށް ރީތި ނަމާއި ފަހުރާއި ޝަރަފް ހޯދައިދޭން ހުރިހާ އެތްލީޓުންވެސް މަސައްކަތްކޮށްދެން ޖެހޭނެ ކަމަށާއި، ކާމިޔާބީއާއި ހަމަޔަށް ނުވަތަ މެޑަލްއަކާއި ހަމަޔަށް ވާސިލްވުމަށް މަސައްކަތް ކުރަން ވާނީ ކަނޑައެޅިފައި އޮންނަ އުސޫލްތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ. އަދި މިފަހަރުގެ ޓީމުން ރަނގަޅު ނަތީޖާތަކެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ ޒުވާނުން ބާރުވެރިވެރި ކުރުވުމަށް ރައީސް އަބުދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވާ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭ ތަމްސީލް ކުރާ ހުރިހާ އެތްލީޓުންވެސް އެކަން ހަނދާން ކުރަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ސައުތް އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޖޫނިއަރ އެތްލެޓިކްސް ޓީމަށް ސްޕޯޓްސް ކޮމިޝަނަރ އަލީ އުމަރުވެސް ވަނީ ހިތްވަރު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެތްލެޓިކްސް އެސޯސިއޭންގެ ރައީސް ތޮލާއާއި އެ އެސޯސިއޭޝަންގެ ބައެއް އިސްވެރިން އަދި ޖޫނިއަރ ގައުމީ އެތްލެޓިކްސް ޓީމާއި ކޯޗުންނާއި މެނޭޖަރުން ބައިވެރިވެ ލެއްވިއެވެ.