ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ތިންވަނަ ބުރަށް ހަ ޓީމެއް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ބައިވެރިވި 120 ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރަށް ދަތުރުކުރި 60 ޓީމުގެ މެދުގައި ކުޅެންޖެހޭ ދެވަނަ ބުރުގެ މެޗުތައް ރޭ ވަނީ ފަށާފައެވެ. އެގޮތުން މުބާރާތުގެ ފިރިހެން ބައިގެ ދެވަނަ ބުރުގެ ހަމެޗެއް ރޭ ވަނީ ކުޅެފައެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރި ޑެސްޕަރާޑޯ އެފްސީގެ މައްޗަށް 1-0 ގެ ނަތީޖާއިން އެޗްއެފްސީ ކުރިހޯދިއިރު، އެސްއީއެސް އެފްސީގެ މައްޗަށް 4-1 ގެ ނަތީޖާއިން ގަދަވެ އެފްސީ ވަކަރުގެވެސް ވަނީ 3 ވަނަ ބުރުން ފުރުސަތު ހޯދާފައެވެ. އަދި މައްޗަންގޮޅި ޒުވާނުންގެ ގުޅުމުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޕްރޯ ފްރެންޑްސް ބަލިކުރުމަށްފަހު 3 ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ރޭ ކުރިއަށްދިޔަ އިތުރު މެޗުތަކުގެ ތެރެއިން ފޯރިގަދަ ކުޅުމަކަށްފަހު 6-4 ގެ ނަތީޖާއަކުން ނިއު ލައިފް ބަލި ކުރުމަށްފަހު، އެފްސީ ދާއެޅުމުން ޓީމް ތިން ވަނަ ބުރުގެ ޖާގަ ހޯދިއިރު، ސްޕޯޓިން އަޒިއޯން ވަނީ 3-2 ގެ ނަތީޖާއިން ކެޓީ ބަލިކޮށްފައެވެ.

ފިރިހެން 120 ޓީމާއި އަންހެން 16 ޓީމު ވާދަކުރާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތަކުގެ ކުޅުން ކުރިއަށް ދަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ފިރިހެން އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވާ ޔޫތް ސިޓީ ފުޓްސަލް މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ޓީމް ވާދަކުރާ އަދި މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.