ކޯޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އަލުން ފަށާއިރު، ކުޅުންތެރިން ބޯޅައަށް ބޮސްދިނުން ހުއްޓުވުމަށް ޤަވާއިދެއް އެކުލަވާލައިފިއެވެ.

ދެކުނު އެމެރިކާ ސަރަޙައްދުގެ ކޯޕާ ފުޓުބޯޅަ މުބާރާތްތައް ފެށުމުގެ ކުރިން މިފަދަ ޤަވާއިދެއް އެކުލަވާލާފައި މިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު މިވަގުތު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ކޯޕާ އެމެރިކާއިން އެކުލަވާލި މި ޤަވާއިދާއެކު، ކުޅުންތެރިން ސަމާލުކަންދޭން ޖެހޭ އިތުރު ކަންކަން ވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން އެއްކުޅުންތެރިއަކާއި އަނެއް ކުޅުންތެރިއަކު ޖާޒީ ބަދަލުކުރުމާއި ދަނޑުމައްޗަށް ކުޅުޖެހުމާއި ނޭފަތް ފޮޅުންވެސް މި ޤަވާއިދުގެ ދަށުން މަނާކުރެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ކޯޕާ އެމެރިކާގެ ކުޅުން ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ.

މެޗުތައް ފަށާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން އެކުލަވާލާފައިވީނަމަވެސް މެޗުތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ރަސްމީ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުން ފެށިގެންދާނެ ކަމަށް ބުނާ ޚަބަރުތަކެއް ކުރިން ފެތުރިފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މެޗުތައް އަލުން ފަށާއިރު ދަނޑުތަކަށް ސަޕޯޓަރުންނަށް ނުވަދެވޭނެއެވެ. އަދި ކުޅުންތެރިންނަށް ދަނޑަށް ވަދެ ކުޅުމުގައި ބައިވެރިވެވޭނީ ސްޓޭޑިއަމުގައި ހަދާ ޚާއްސަ ޓެސްޓުތަކަށްފަހު، ހަށިގަނޑުގެ ފިނިހޫނުމިންވެސް ބަލާފައި ކަމަށް ވެއެވެ.

ކޯޕާ އެމެރިކާ މުބާރާތުގެ އިތުރުން އިތުރު ބޮޑެތި މުބާރާތްތައް ވެސް އަލުން ފެށުމަށްޓަކައި ރައްކާތެރި ކަމުގެ އުސޫލުތައް ދަނީ އެކުލަވާލަމުންނެވެ. ކޯޕާ އިން އެކުލަވާލި މި އުސޫލާއި އެއްގޮތަށް އެހެން މުބާރާތްތަކުގައި ވެސް ކުޅުންތެރި ބޯޅައަށް ބޮސްދިނުމާއި ދަނޑުމައްޗަށް ކުޅުޖެހުންފަދަ ކަންކަން ހުއްޓުވާނެ ކަމަށް ބެލެވެއެވެ.