ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތުގައި ވާދަ ނުކުރެވޭ ގޮތަށް އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފި އެވެ.

ސިޓީ ސަސްޕެންޑްކުރި ނަމަވެސް މި މައްސަލަ ކޯޓް އޮފް އާބިޓްރަޓޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެއެވެ. އިސްތިއުނާފް މަރުހަލާ ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 8-11 އަށެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައިވާތީ އެ ކްލަބު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމައިފައެވެ. އިސްތިއުނާފް މަރުހަލާއަށް ފަހު ވެސް ޔުއެފާ އިން ސިޓީގެ ސަސްޕެންޝަން ދަމަހައްޓައިފި ނަމަ އަންނަ ސީޒަނާއި 22-2021 ވަނަ ސީޒަނުގެ ނިޔަލަށް އެޓީމަށް ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.

ކުޅުންތެރިން ގަތުމުގައި މަކަރުހެދިކަން ސާބިތުވުމުން 2014 ވަނަ އަހަރު ވެސް ޔުއެފާ އިން ވަނީ ސިޓީ އަށް އަދަބުދީފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ޗެމްޕިއަންސް ލީގުގައި ސިޓީން ނެރޭ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އަދަދު މަދުކުރުމެވެ.

ޔުއެފާ އިން ސިޓީ ސަސްޕެންޑް ކުރި ނަމަވެސް، ސިޓީން ވަނީ އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. މި ކަމާއި ގުޅިގެން ސިޓީ އިން ބުނެފައިވަނީ ޔުއެފާގެ މި ނިންމުމާއި މެދު ހިތާމަ ކުރާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގެ ކުރިންވެސް ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާ އިން ނިންމާފައިވާ ކަމަށާއި އެހެންކަމުން މިރޭ އެ އިދާރާއިން އެޓީމާއި މެދު ފިޔަވަޅު އެޅުމުން އެއްވެސް ވަރަކަށް ހައިރާނެއް ނުވާ ކަމަށެވެ.

އިނގިރޭސި އެފްއޭ އިންވެސް އަންނަނީ ސިޓީގެ މި މައްސަލަ ބަލަމުންނެވެ. އަދި އެފްއޭ އިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކްލަބުގެ އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓާ ސިޓީ އަކީ ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ޕްރެމިއާ ލީގުގެ ތަށި ކާމިޔާބުކުރި ޓީމެވެ. ސިޓީގެ ތާރީހުގައި އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވި ނަމަވެސް މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާއާއެކު އެޓީމުން އަންނަނީ ފަހަކަށް އައިސް މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށް ޓްރާންސްފާ ބާޒާރުގައި ބޮޑެތި ފީތަކުގައި ކުޅުންތެރިން ގަނެ ޓީމު ވަރުގަދަ ކުރަމުންނެވެ.