ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ފިލީޕެ ކުޓީނިއޯގެ މުސްތަގްބަލާއިމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާގެ އޭޖެންޓް ކިއާ ޖޫރަބްކިއާން ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއާ ބަޔާނާ ދެމެދު ވެވުނު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކުޓީނިއޯ މަޑުކުރުވަން ބަޔާނުން ބޭނުން ނަމަ ބާސެލޯނާ އަށް 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް އެ ކްލަބުން ދައްކަން ޖެހެއެވެ.

މި ސީޒަނުގައި ބަޔާނަށް ކުޅެދިން 22 މެޗުގައި އަށް ގޯލު ޖަހައި ދިން ކުޓީނިއޯ އަށް ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ މި ސީޒަނަށްފަހު އޭނާގެ އެއްބަސްވުން ދާއިމީ ނުކުރަން ބަޔާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ބާސާއާއެކު ހަދާފައިވާ ލޯނު އެއްބަސްވުން އިތުރު އެއް އަހަރަށް ދިގުދަންމަން ބަޔާނުން އަންނަނީ މަސަތްކަތް ކުރަމުންނެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން ކުޓީނިއޯގެ އޭޖެންޓް ކިއާ ޖޫރަބްކިއާން ބުނީ ބަޔާނުގައި ކުޓީނިއޯ ހުރީ އުފަލުން ކަމަށާއި އަދި މިހާތަނަށް އޭނާގެ މުސްތަގްބަލާއިމެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަދި ކުޓީނިއޯ މިވަގުތު އިސްކަން ދެނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ކަމަށާއި ކްލަބް ބަދަލު ކުރުމުގެ ނުވަތަ ބަޔާންގެ ލޯނު އެއްބަސްވުން އާ ކުރުމުގެ އެއްވެސް މަޝްވަރާ އެއް މިހާތަަނަށް ކޮށްފައިނުވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ވަނީ މިދިޔަ މަހުގެ ފަހުކޮޅު އޭނާގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮޕަރޭޝަނެއް ކޮށްފައެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޖަރުމަން ލީގު މެދުކަނޑާލާފައިވާތީ އަނިޔާގެ ސަބަބުން ކުޓީނިއޯ އަށް އެއްވެސް މެޗެއް ގެއްލޭނެ ކަމަށް ނުބެލެވެއެވެ. ކޮވިޑް-19 ޖަރުމަނުގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި ވާތީ އެގައުމުގެ ފުޓްބޯޅަ އިދާރާ އިން އަންނަނީ އަވަސް މުސްތަގްބަލެއްގައި ލީގު ފެށުމަށް މަސަތްކަތް ކުރަމުންނެވެ.

ބަޔާނުގެ ލޯނު އެއްބަސްވުމަށްފަހު އެނބުރި ބާސެލޯނާ އަށް ގޮސް ބްރެޒިލް މިޑްފީލްޑަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ދުރު ކަމަކަށްވާ އިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ބާސާ އިން ކުޓީނިއޯ ވިއްކާލާނެ ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން ކުޓީނިއޯގެ ސޮއި ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ނަމަވެސް ޔުނައިޓެޑުގެ އިތުރުން ޗެލްސީގެ ލޯ ވެސް މިހާރު ކުޓީނިއޯ އަށް އަމާޒުވެފައިވާއިރު އެޓީމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބްރެޒިލްގެ ކުޅުންތެރިޔާ ހޯދުމަށް ބާސެލޯނާއާ މަޝްވަރާ ކުރަމުންނެވެ. ޗެލްސީ އިން ކުޓީނިއޯގެ ސޮއި ހޯދަން ބޭނުންވަނީ އަންނަ ސީޒަން ނިމުމުން ބޭނުންވެއްޖެ ހާލަތެއްގައި އެއްބަސްވުން ދާއިމީ ކުރުމުގެ އޮޕްޝަން ހިމެނޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސެލޯނާ އިން ކުޓީނިއޯ ގަތީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހުއެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީއެވެ.