ފާއިތުވި އަންގާރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ރެއަލް މެޑްރިޑް ކުޅުނު މެޗަކީ ފާހަގަ ކޮށްލެވޭ ފަދަ ފޯރިގަދަ މެޗެކެވެ. އެ މެޗުގައި ހަތަރު ގޯލު ފެނިގެން ދިޔަ އިރު އެންމެ ފާހަގަ ކޮށްލެވުނީ ރެއާލް އިން ދެވަނަ އަށް ޖެހި ގޯލެވެ.

ރެއަލް އިން އެ މެޗުގައި ދެވަނަ އަށް ޖެހި ގޯލަކީ ބަޔާންގެ ކީޕަރު ސްވެން އުލްރިޗް އަތުން ހެދުނު ބޮޑު ގޯހެއްގެ ސަބަބުން ރެއަލްގެ ބެންޒެމާ ޖެހި ގޯލެކެވެ. އޭނާ ބޯޅަ ފޮނުވާލީ ހުސް ގޯލެއްގެ ތެރެއަށެވެ. އެ ގޯހުގެ ސަބަބުންް ބަޔާން އަށް ފައިނަލްއަށް ކޮލިފައިވާން ކުރަން ޖެހުނު މަސައްކަތް އިތުރަށް ބުރަވިއެވެ. ބަޔާން އިން މޮޅު ކުޅުމެެއް ދެއްކި އިރު މެޗު ނިމިގެން ދިޔައީ އެކަން ހާސިލު ނުވެއެވެ.

މެޗު ނިމުމާއެކު އެންމެންގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައީ އުލްރިޗް އަށެވެ. އޭނާ ގޯލުގައި ނެތް ނަމަ ބަޔާންއަށް މެޗުން މޮޅުވެވޭނެ ކަމަށް ބުނެ އެތައް ބަޔަކު ފާޑު ކި އިރު އޭނާ އަށް ވަނީ އެތައް ބައެއްގެ މަލާމާތުގެ އަމާޒަކަށް ވެފައެވެ.

މެޗު ނިންމާލާފައި ވެސް އުލްރިޗް ދެރަވެފައި ދަނޑުމަތީގައި އިން މަންޒަރު ފެންނަ ފޮޓޯ ވަނީ މީޑިއާގައި ދައުރުވެފައެވެ. އެ ފޮޓޯތަކުން އޭނާއާއި މެދު އެތައް ބަޔަކު ވަނީ ހަމްދަރުދީ ވެފައެވެ.

މީގެ އިތުރުން އިންސްޓަގްރާމް މެދުވެރިކޮށް އުލްރިޗް އިއްޔެ ވަނީި މާފަށް ވެސް އެދިފައެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުން ކެޓުމުން ވީ ދެރަ ބުނަން ވެސް ނޭނގޭ ކަމަށެވެ. އަދި އޭނާއަށް އެ މިސްޓޭކު ހެދުނު ސަބަބެއް ނޭނގޭ ކަމަށް ބުނެ އޭނާ ވަނީ އެހެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ.

އުލްރިކް އިންސްޓަގްރާމުގައި ކުރި ޕޯސްޓަށް ބަޔާންގެ ކުޅުންތެރިން ވަނީ ކޮމެންޓުކޮށް އޭނާއަށް ހިތްވަރުދީ އެއްބައިވަންތަކަމުގެ ރިވެތި މިސާލެއް ދައްކާފައެވެ. ހަމެސް ރޮޑްރިގޭޒް ކޮމެޓް ކުރީ "އަހަރެމެންނަކީ ޓީމެއް" ކަމަށެވެ. އަދި އޭނާ މި ސީޒަނުގައި މުހިއްމު ގިނަ ސޭވްތަކެއް ކޮށްފައިވާކަން ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެން ކޮމެންޓު ސެކްޝަންގައި ހަނދާން ކޮށްދިނެެވެ. ޖަވީ މާޓިނޭޒް ބުނީ "އަހަރެމެން މޮޅުވާނީ ޓީމެއްގެ ގޮތުގައި އަދި ބަލިވާނީ ޓީމެއްގެ ގޮތުގައި" ކަމަށެވެ.

އުލްރިޗްގެ ހިތް ކުދި ކުދި ވެފައިވާއިރު ދެން އޭނާ ބަޔާންގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ފެންނާނެ ކަމާއި މެދު ސުވާލު އުފެދެއެވެ. އަންނަ ސީޒަނަށް ވާއިރަށް ބަޔާންެގެ މަޝްހޫރު ކީޕަރު މެނުއަލް ނޯޔާ އަނިޔާ އިން ސަލާމަތްވެ ކުޅުމަށް އެނބުރި އަންނާނެއެވެ.