ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ ރޮބާޓޯ މާޓިނެޒް އޭނާގެ ކޮންޓްރެކްޓް އާ ކޮށްފިއެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް އާއެކު މާޓިނެޒް ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން ނިންމިކަން އެންމެ ފުރަތަމަ އިއުލާނުކުރީ ބެލްޖިއަމް ޓީމުގެ ކެޕްޓަން އެޑެން ހަޒާޑެވެ.

ރިޕޯޓްތައް ބުނާގޮތުން މާޓިނެޒް އަށް ބެލްޖިއަމުން ހުށަހެޅި އާ އެއްބަސްވުމުގައިވާ ގޮތުން 2022 ވަނަ އަހަރު އޮންނަ ގަތަރު ވޯލްޑް ކަޕާ ހަމައަށް އޭނާ އެ މަގާމުގައި ހުންނާނެއެވެ. ކުރިން އެއްބަސްވުން ހެދީ މިއަހަރު ބާއްވަން ކުރިން ތާވަލު ކޮށްފައި އޮތް ޔޫރޯގެ ނިޔަލަށެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަހާ ހެދި ޔޫރޯ އަންނަ އަހަރަށް ފަސްކުރުމުން ބެލްޖިއަމް އާއެކު ކުރިއަށް އޮތް ދެ އަހަރު ބައިނަލްއަގުވާމީ ބޮޑު ދެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު މާޓިނެޒް އަށް ލިބިގެންދާނެއެވެ.

ޔޫރޯ 2016 ގައި ބެލްޖިއަމަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ކޯޗުކަމުން މާކް ވިލްމޮޓްސް ވަކިކުރުމަށްފަހު އެ މަގާމް މާޓިނެޒް އާއި ހަވާލުކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ ޔޫތު ފުޓްބޯޅައިގެ ވެސް ތަޖުރިބާ ހޯދައި އިނގިރޭސި ޕްރެމިއާ ލީގުގެ ތިން ކްލަބަކަށް އިރުޝާދު ދީފައެވެ.

މާޓިނެޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމުން ވަނީ މިދިޔަ ހަތަރު އަހަރު ތެރޭ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. މާޓިނޭޒާއި އޭރުގެ އެސިސްޓެންޓް ކޯޗު ތިއެރީ އޮންރީގެ މަސައްކަތުން ބެލްޖިއަމުން ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ރަނގަޅު ވާދައެއް ކޮށްފައެވެ. ޔޫރަޕުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ގޮތުގައި ވާދަކޮށް ބެލްޖިއަމުން ވަނީ އެފަހަރުގެ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ވަރުގަދަ ޓީމާއެކު މާޓިނެޒް އަންނަ އަހަރު އޮންނަ ޔޫރޯ އިން ޖާގަ ހޯދީ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ސައްތައިގެ ރެކޯޑަކާއެކުއެވެ. ޔޫރޯގައި ބެލްޖިއަމް ލައްވާލީ ގްރޫޕް ބީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ފިންލެންޑް، ރަޝިޔާ އަދި ޑެންމާކެވެ.