ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއެލް ނޯޔާ އާކޮށްފި އެވެ.

ބަޔާންގެ އެއްބަސްވުން އުމުރުން 34 އަހަރުގެ ނޯޔާ އާކުރިއިރު، ކްލަބާއެކު އޭނާ މީގެ ކުރިން އެއްބަސްވުން ހެދީ މި އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ކޮންޓްރެކްޓް އާ ކުރުމުގެ ކުރިން ނޯޔާ މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވެސް މީޑިއާގައި ވަރަށް ގަދައަށް ފެތުރިގެންދިޔައެވެ.

ކްލަބް ދޫކޮށްލުމުގެ ހިޔާލު ނޯޔާ ގެންގުޅެން ފެށީ އޭނާ ބޭނުންވާފަދަ އެއްބަސްވުމެއް ބަޔާނުން ހުށަހަޅަން ދެކޮޅު ހަދަމުން ދިޔުމުންނެވެ. އޭރު ބަޔާނުން ނޯޔާ އަށް ދޭން ބޭނުންވީ ދެ އަހަރުގެ އެއްބަސްވުމެކެވެ. ރައްދުގައި ނޯޔާ ވަނީ ފަސް އަހަރަށް ވުރެން ކުޑަ ކޮންޓްރެކްޓެއްގައި ސޮއިނުކުރާނެކަން އެ ކްލަބަށް ތަކުރާރުކޮށް އަންގައިފަ އެވެ. އެއްބަސްވުން އާކުރުމަށް ދެކެވުނު ވާހަކަތައް މީޑިއާގައި ލީކުވުމުން ނޯޔާ ވަނީ މީގެ ކުރިން ހިތްހަމަނުޖެހުން ވެސް ފާޅު ކޮށްފައެވެ.

މިދިޔަ މަހެއްހާ ދުވަހު ދެ ފަރާތުން ކުރެވުން މަޝްވަރާތަކަށްފަހު ކުޅުންތެރިޔާގެ ކޮންޓްރެކްޓަށް އިތުރު 3 އަހަރު އިތުރު ކުރަން ބަޔާނުގެ މެނޭޖްމަންޓުން ވަނީ އެއްބަސްވެފައެވެ. ނޯޔާ އެއްބަސްވުން އާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ ނޯޔާ އަކީ ދުނިޔޭގެ އެއް ވަނަ ގޯލްކީޕަރު ކަމަށާއި، ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން ނޯޔާ އާކުރުމުން އުފާވާ ކަމަށެވެ.

ޖަރުމަނުގެ ޝާލްކާ އިން 2004 ވަނަ އަހަރު ކެރިއަރު ފެށި ނޯޔާ ބަޔާނަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. މިހާތަނަށް ބަޔާނަށް 375 މެޗު ނޯޔާ ކުޅެދީފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު މުޅިއެކު 18 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި ޖަރުމަން ލީގު ހަތް ފަހަރު، ޖަރުމަން ކަޕް ހަތަރު ފަހަރު އަދި 2012/2013 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހިމެނެއެވެ.