ލިވަޕޫލްގެ ޕްރެކްޓިސް ސެޝަންތަކުގައި ބައިވެރިވުމަށް އެ ކްލަބުގެ އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރު ނުކުރާނެ ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ހެދި އިނގިރޭސިވިލާތުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް އޮތީ ކަނޑަނޭޅިއެވެ.

ލީގު ފެށުމަށް ކުރަމުން އަންނަ މަސަތްކަތަށް އަލިމަގެއް ލިބިގެންދިޔައީ އަންނަ މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. މިއާއެކު އިނގިރޭސި ކްލަބްތަކުން ވަނީ ގްރޫޕް ޓްރެއިނިންތައް ފަށައިފައެވެ. އެކަމަކު ރައްކާތެރިކަމަށްޓަކައި އަދިވެސް ޓްރެއިނިންތައް ގެންދެވޭނީ ޓެކުލްކުރުމާއި ކުޅުންތެރިން ކޮންޓެކްޓް ނުވާގޮތަށެވެ. ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައިވަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރެކްޓިސް ސެޝަންތައް ފަށާފައިވާއިރު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ކުޅުންތެރިން ޕްރެކްޓިހަށް ހާޒިރު ވަނީ އަމިއްލަ އަށް ބޭނުންވެގެން ކަމަށާއި އެކަމަށް ކްލަބުގެ ފަރާތުން މަޖުބޫރެއް ނުކުރާނެ ކަމަށެވެ. އަދި ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިނުވިޔަސް އަދަބެއް ނުދޭނެ ކަމަށާއި އެންމެ ފުރަތަމަ އިސްކަން ދޭނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

“އެއީ ކުޅުންތެރިންގެ އަމިއްލަ ނިންމުމެއް. އެއްވެސް ކުޅުންތެރިޔަކު ޕްރެކްޓިހުގަައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ނިންމުމަށް އަހަރެން އިހުތިރާމް ކުރާނަން. އަހަރެން ވާނީ ސެޝަން ފެށުމުގެ ކުރިން މިވާހަކަ ކުޅުންތެރިން ގާތުގައި ބުނެފަ. އާންމުގޮތެއްގަ ކޮންޓްރެކްޓުގައި ސޮއި ކުރާއިރު އަހަރެން ބުނާ ގޮތަކަށް ބުނާ ގަޑިއަކަށް ކުޅުންތެރިން ހާޒިރު ވާން ޖެހޭ. އެކަމަކު މިހާލަތުގައި ޕްރެކްޓިހަށް އައުން ރައްކާތެރިކަމަށް ނުފެންނަ ނަމަ އަންނާކަށް ނުޖެހޭ. އެކަމަށް އެއްވެސް ހުރަހެއް އަދި އަދަބެއް ވެސް ނެތް،“ ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ވަނީ ކޮވިޑް-19 އަށް ކުޅުންތެރިންނާއި ސްޓާފުން ޓެސްޓްކޮށްފަ އެވެ. އެގޮތުން ފާއިތުވެދިޔަ ދެ ދުވަހު 748 މީހަކު ޓެސްޓު ކުރިއިރު، ތިން ކްލަބަކުން ހަ ކުޅުންތެރިއަކު ވަނީ ވައިރަހަށް ފައްސި ވެފައެވެ. ބައްޔަށް ފައްސިވި ހަ ކުޅުންތެރިންވެސް މިހާރު ވަނީ އެކަހެރި ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން އިނގިރޭސި އެފްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ލީގު އެއްކޮށް ކެންސަލްކުރަން މީގެ ކުރިން ބައެއް ކްލަބްތަކުން ވާހަކަ ދެއްކި ނަމަވެސް މިހާރު އެ ހިޔާލު ކްލަބްތަކުން ދޫކޮށްލާފައިވާ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.