އިނގިރޭސި ވިލާތުގެ ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް އޮލީވިއާ ޖިރޫޑް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފިއެވެ.

ޖިރޫޑްގެ ކޮންޓްރެކްޓް އާ ކޮށްފައިވާ ކަމަށް ޗެލްސީ އިން ވަނީ ކަށަވަރުކޮށްދީފައެވެ. ޖިރޫޑްގެ ކޮންޓްރެކްޓް އާކުރީ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އާ އެއްބަސްވުމުގެ ދަށުން 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ޖިރޫޑް ޗެލްސީގައި މަޑުކުރާނެއެވެ.

ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު ޖިރޫޑް ބުނީ ޗެލްސީގައި އިތުރު އެއް އަހަރު ދުވަހު މަޑުކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ކެތްމަދުވެފައިވާ ކަމަށެވެ.

މި ސީޒަނުގައި ޗެލްސީ އަށް ނުވަ މެޗު ކުޅެދީފައިވާ ޖިރޫޑް އެ ކްލަބާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށެވެ. ޗެލްސީން އޭނާގެ ކޮންޓްރެކްޓް އާ ކުރީ ވެސް މި ސަބަބާ ހެދި ކަމަށް ބެލެވެއެވެ. އާ ކޮންޓްރެކްޓެއް ޖިރޫޑް އަށް ދިނުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އަންނަ ޖޫން މަހު އޭނާ ދޫކޮށްލުމުގެ ބަދަލުގައި އަންނަ އަހަރު ކޮންމެވެސް އަގަކަށް އޭނާ ވިއްކާލުމުގެ ފުރުސަތު ޗެލްސީ އަށް މިހާރު އޮންނާނެއެވެ.

ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ޖިރޫޑް އާކުރި އިރު، މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ވަނީ އޭނާ ވިއްކާލަން މަސަތްކަތް ކޮށްފައެވެ. އިޓަލީގެ އިންޓަ މިލާނާއި ލާޒިޔޯ އިން ފްރާންސް ކުޅުންތެރިޔާގެ ސޮއި ހޯދަން މަސަތްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ބާޒާރު ނިމުނުއިރު ވެސް ޖިރޫޑްގެ ބަދަލުގައި ކުޅުންތެރިއަކު ޗެލްސީ އަށް ނުލިބުމުންނެވެ.

އާސެނަލް ދޫކޮށް އުމުރުން 33 އަހަރުގެ ޖިރޫޑް ޗެލްސީ އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. އާސެނަލްގައި ހަ އަހަރު ހޭދަކުރި ޖިރޫޑް ވަނީ އެ ކްލަބަށް 253 މެޗުގައި 105 ގޯލު ޖަހައި އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ޗެލްސީއަށް ބަދަލުވެ، އެ ކްލަބާއެކު އެފްއޭ ކަޕާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 76 މެޗުގައި 21 ގޯލު ކާމިޔާބުކޮށްފައެވެ.