ރެއާލް މެޑްރިޑްގައި ހުރެ އެޑެން ހަޒާޑަށް ބެލޮންޑިއޯ އެވޯޑް ހާސިލްކުރެވޭނެ ކަމަށް ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނެޒް ބުނެފިއެވެ.

ޗެލްސީ ދޫކޮށް ބެލްޖިއަމްގެ ތަރި ހަޒާޑް ރެއާލާ ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭނާ ސްޕެއިން އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މުޅިއެކު 112 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އުމުރުން 28 އަހަރުގެ ހަޒާޑް ރެއާލަށް ބަދަލުވުމަށް ފަހު އަދި މިހާތަނަށް އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ކުރީކޮޅު މެޗުތަކެއް ހަޒާޑަށް ގެއްލުނުއިރު، އެނބުރި އައިސް ކުޅުނު މެޗުތަކުގައި ވެސް ފެނުނީ އަސްލު އޭނާގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ކުޅުމެއް ނޫނެވެ. މި ސީޒަނުގައި ހަޒާޑް ރެއާލްގެ ޖާޒީގައި ފެނިފައިވަނީ އެންމެ 18 މެޗެއްގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ބާނެބެއުގައި ކުޅުނު މެޗުގައެވެ. އެ މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އަނެއްކާވެސް ގިނަ މެޗުތަކެއް ހަޒާޑަށް ގެއްލިގެންދިޔައެވެ.

ރެއާލްގެ ސްޓައިލަށް ހޭނެން ހަޒާޑަށް ވަގުތު ބޭނުންވާ ކަމަށާއި އޭނާ ކުރިއަށްއޮތް ތާގައި ތަފާތު ދައްކައި ކްލަބަށް ކާމިޔާބީ ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ އަށް ގައުމީ ޓީމުގައި އިރުޝާދު ދެމުން އަންނަ ކޯޗު ރޮބާޓޯ މާޓިނެޒް ވަނީ ދާދިފަހުން ބުނެފަ އެވެ.

” ހަޒާޑަކީ އާންމުގޮތެއްގަ މެޗުތައް ގެއްލުވާލާ ކުޅުންތެރިޔެއް ނޫން. އޭނާ ޗެލްސީގައި ހޭދަކުރި އަށް އަހަރުގައިވެސް އެންމެ 18 މެޗު ގެއްލިފައި ހުރީ. ޕީއެސްޖީ މެޗުގައި އަނިޔާވުމުގެ ކުރިން ހަޒާޑުގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔަ. ބައެއް ފަހަރު އާ ކްލަބަކަށް ކުޅޭއިރު ވަގުތު ނަގާނެ ކްލަބުގެ ސްޓައިލަށް ހޭނިގެން އެ ކުޅުންތެރިޔެއްގެ އެންމެ މޮޅު ކުޅުން ދައްކަން. އަހަންނަށް ޔަގީން އޭނާ އަށް ރެއާލުގައި ހުރެ ބެލޮންޑިއޯ ވެސް ކާމިޔާބު ކުރެވޭނެކަން. އެ ޔަގީންކަން ރެއާލުގެ ސަޕޯޓަރުންނަށްވެސް އޮންނާނެ، “ މާޓިނެޒް ބުންޏެވެ.

ފްރާންސްގެ ކްލަބަކުން ހަޒާޑް ޗެލްސީ އަށް ސޮއިކުރީ 2012 ވަނަ އަހަރު 40 މިލިއަން ޑޮލަރަށެވެ. އަށް ސީޒަނުގައި ޗެލްސީ އަށް ހަޒާޑް ވަނީ މުޅިއެކު 352 މެޗު ކުޅެދީފައެވެ.