ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގެ ކުޅުން ޖޫން މަހުގެ 8 ވަނަ ދުވަހު ފެށުމަށް ސްޕެއިންގެ ސަރުކާރުން ހުއްދަ ދީފިއެވެ.

ކޮވިޑް-19 ޔޫރަޕުން އެންމެ ބޮޑަށް ފެތުރުނު އެއް ގައުމު، ސްޕެއިންގެ ފުޓްބޯޅަ ސީޒަން ވައިރަހާ ގުޅިގެން މެދުކަނޑާލީ މިދިޔަ މާޗް މަހުގެ މެދުތެރޭގަ އެވެ. ނަމަވެސް ވައިރަހުގެ ނުރައްކާ އެ ގައުމުގައި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަމުން އަންނާތީ ލަލީގާ އިން އަމާޒު ހިފީ އަންނަ މަހުގެ މެދުތެރޭ ފުޓްބޯޅަ ހަރަކާތްތައް އަލުން ފެށުމަށެވެ.

ސްޕެއިންގައި ފުޓްބޯޅަ ހަރަކާތްތައް އަލުން ފެށުމަށް ހުއްދަ ދިނީ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ. ސަންޗޭޒް ވިދާޅުވީ ސްޕެއިންގައި ކޮވިޑް-19 ފެނުނީއްސުރެ މިއަދާއި ހަމައަށް އެގައުމުގެ ރައްޔިތުން އަމަލު ކުރަމުން އައީ ކަމާއި ބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އާންމުކޮށް ބާއްވަމުން އަންނަ އިޖުތިމާއީ އަދި ކުޅިވަރުގެ ހަރަކާތްތައް އަލުން ފެށުމުގެ ވަގުތު މިހާރު އައިސްޖެހިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލަލީގާގެ ކުޅުން ޖޫން މަހުގެ 8 ވަނަ ދުވަހު ފަށާނީ ރެއާލް ބެޓިސް އާއި ސެވިއްޔާ ބައްދަލުކުރާ ޑާބީ މެޗުންނެވެ. ރަސްމީކޮށް ލީގު ފަށާނެ ތާރީހެއް މި މަހުގެ 28 ވަނަ ދުވަހު ލަލީގާ އިން ކްލަބުތަކާއި ހިއްސާކުރާނެއެވެ. ސީޒަން ފުރިހަމަ ކުރާނެކަން އިއުލާނުކޮށް ޕްރެކްޓިސް ކުރިއަށް ގެންދަން ދިން ހުއްދައާއެކު ސްޕެނިޝް ކްލަބްތަކުން ވަނީ މިދިޔަ ބުދަ ދުވަހު ގްރޫޕް ޓްރެއިނިންތައް ފަށައިފައެވެ. އެކަމަކު ރައްކާތެރިކަމަށްޓަކައި އަދިވެސް ޓްރެއިނިންތައް ގެންދެވޭނީ ޓެކުލްކުރުމާއި ކުޅުންތެރިން ކޮންޓެކްޓް ނުވާގޮތަށެވެ.

ސްޕެނިޝް ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އަދި 12 މެޗު އެބައޮތެވެ. ލީގުގެ އެއް ވަނައިގައި މިވަގުތު އޮތީ ދެ ޕޮއިންޓުގެ ތަފާތަކާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި އޮތީ ސެވިއްޔާ އެވެ.

ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ޖަރުމަނު ލީގު މިދިޔަ ހަފުތާގައި ވަނީ ފަށައިފައެވެ. ސްޕެނިޝް ލީގެކޭ އެއްގޮތަށް އިޓާލިއަން ލީގާއި އިނގިރޭސި ލީގު އަންނަ މަހު ފަށާނެ ކަމަށް ބެލެވެއެވެ. އިޓާލިއަން ލީގުގެ ކުޅުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މަސަތްކަތް ކުރަމުންނެވެ.